ރަހޫ: ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް!

ސޯޝަލް މީޑިއާ މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރުމަކީ މިޒަމާނުގައި އާންމު ކަމެކެވެ. އެކަމަކު ގިނަ ފަހަރު އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކުން ތަކެތި ވިއްކުމުގައި ބަލަނީ ވަކި ބާވަތެއް ނުވަތަ ވަކި ވަ...

12 Oct 2020 | 08:02

ސޯޝަލް މީޑިއާ މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރުމަކީ މިޒަމާނުގައި އާންމު ކަމެކެވެ. އެކަމަކު ގިނަ ފަހަރު އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކުން ތަކެތި ވިއްކުމުގައި ބަލަނީ ވަކި ބާވަތެއް ނުވަތަ ވަކި ވައްތަރެއްގެ އެއްޗެހި ވިއްކޭތޯ އެވެ.

އާމިނަތު ރަހުމާ އަކީ އޮންލައިންކޮށް ވިޔަފާރި ހިންގިޔަސް އެހެން މީހުންނާއި ތަފާތުކޮށް ވިޔަފާރި ކުރާ ޒުވާނެކެވެ. އާންމުކޮށް އޮންލައިންކޮށް ތަކެތި ވިއްކާ މީހުން ރާއްޖެއިން ބޭރުން ތަކެ ގެނެސްގެން އެތަކެތި ވިއްކަނީ އެވެ.

ރަހޫ ތަފާތު ހަތަރު ވިޔަފާރިއެއް ހިންގާއިރު ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން ވިއްކުމުގެ އިތުރަށް ވިއްކާ ތަކެތި އަމިއްލައަށްވެސް ތައްޔާރު ކުރެއެވެ. ރަހޫ އެންމެ ފުރަތަމަ ފެށީ ޝޯލްގެ ވިޔަފާރި އެވެ.

ރަހޫ ކުރާ ވިޔަފާރިތަކުގެ ތެރޭގައި ކައިވެނި ހަފްލާތަކަށް ހެދުން ފެހުން، މާބޮނޑި ތައްޔާރު ކުރުން، ބޫޓު ޑިޒައިން ކުރުން، ތަފާތު ކާއެއްޗެހި ތައްޔާރުކޮށްގެން ވިއްކުން، ކުޑަކުދިންގެ ހެދުމާއި ކުޑަކުދިންނަށް ބޭނުންވާނެ ތަފާތު ސާމާނު ރާއްޖެ އެތެރެކޮށްގެން ވިއްކަ އެވެ. އަދި އަންހެނުންގެ ހެދުމާއި ފޮތި އަދި ޝޯލްވެސް ވިއްކައެވެ.

ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން ރަހޫ ވިޔަފާޜި ކުރާތާ ފަސް އަހަރު ވެއްޖެ އެވެ. ވިޔަފާރީގައި ރަހޫ ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު ކައިވެނީގެ ހެދުން ނުވަތަ ވެޑިން ޑްރެސް ފަހަނީ ދުބާއީގެ އެޖެންޓަކާއި ގުޅިގެންނެވެ. އަދި މިހާރު އުޒްބަކިސްތާންގައި މި ވިޔަފާރި ކުރާ ބަޔަކާއި ގުޅިގެން މަސައްކަތް ކުރަން ވަނީ ފަށާފައި އެވެ.

"ދުވަސް" އާއި މައުލޫމާތު ހިއްސާ ކުރަމުން ރަހޫ ބުނީ ކައިވެނީގެ ހަފްލާތަކަށް ހެދުމާއި ބޫޓު އަދި މާބޮނޑި ތައްޔާރު ކުރުމަށް ލިބޭ އޯޑަރުތަކުގައި ގިނަ މަސައްކަތް ކޮށްފައި ހުންނާނީ އަމިއްލައަށް ކަމަށެވެ. އޭނާ ބުނާ ވެޑިން ޑްރެސް އާއި ސޫޓް ފަހަށް ދުރާލާ އޯޑަރު ދޭ ފަރާތްތަކަށް ހެދުން ފަހައިދެނީ އަމިއްލައަށް ކަމަށެވެ.

އަދި ރަހޫ އަމިއްލައަށް ފަހާ އެއްޗިއްސާއި ދުބާއީ އެޖެންޑު މެދުވެރިކޮށް ފަހާ ވެޑިން ޑްރެސް އާއި ސޫޓްވެސް އެންމެ ގިނަ ވެގެން ދެ ހަފްތާތެރޭގައި ފަހައި ނިމޭނެ ކަމަށެވެ. އާންމުކޮށް ރަހޫ ވެޑިން ޑްރެސް އާއި ސޫޓް ފަހައިދޭ އަގު އުޅެނީ 4،000-7،500 އާއި ދެމެދުގެ އަގެއްގައި އެވެ.

ކައިވެނި ހަފްލާތަކަށް މާބޮނޑި ހަދަން ބޭނުންވާ ސާމާނާއި ޝޯލް އާއި ތަފާތު ވައްތަރުގެ ފޮތި ރަހޫ ރާއްޖެއަށް ގެންނަނީ ޗައިނާ އަދި މެލޭޝިއާއިންނެވެ. ރަހޫ ބުނީ މި ހުރިހާ ވިޔަފާރިއެއް ކުރަނީ ވަރަށް ކުރާ ހިތްވާ މަސައްކަތްތައްކެއްގެ ގޮތުގައި ވަރުބަލި ކަމެއް ނެތި ކަމަށެވެ.

މި މަސައްކަތްތަކުން ރަނގަޅު އާމްދަނީއެއް އޭނާ ހޯދަ އެވެ. ކޮންމެ ދުވަހެއްހެން ރަހޫއަށް އެއީ ބުރަ ދުވަހެކެވެ. އޭނާ ބުނީ އާންމުކޮށް ކޮންމެ މަހަކު ވަކި ވަކި އެއްޗެހިން މަދުވެގެން 10 އޯޑަރު ލިބޭ ކަމަށެވެ. ރަހޫގެ ހުނަރުވެރި ކަމަކީ އަމިއްލަ ޑިޒައިންތަކުގެ ތަކެތި ފަހައިގެން ވިއްކުމެވެ.

އަމިއްލަ މަސައްތުން އާމްދަނީ ހޯދަމުން އައި އެންމެންނަށް އެންމެ ދަތި ދުވަސް ވަރަކަށްވީ ކޯވިޑް-19 ގެ ހާލަތެވެ. ކޯވިޑާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަކީ ރަހޫގެ ވިޔަފާރިއަށްވެސް ލޮޅުން އެރިކަމެކެވެ. އެކަމަކު ފަހަތަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ރަހޫ ފަށައިގަތީ ގޭގައި ހުރެގެން ކުރެވޭނެ އިތުރު މަސައްކަތެކެވެ.

ލޮންޑައުންގެ ދުވަސްވަރު މީގެ ހަތަރު މަސް ކުރިން އަލަށް ފެށި މަސައްކަތަކީ ކާއެއްޗެހި ތައްޔާރުކޮށް ވިއްކަން ފެށުމެވެ. ތަފާތު ވައްތަރުގެ ފޮނި ކާއެއްޗެހީގެ އިތުރުން ބޮނޑިބަތާއި ކުޅިމަސް ތައްޔާރުކޮށް ރިހޫ ދަނީ އޭނާ ހަދާ ކާއެއްޗެހީގެ ޖާދޫގައި މީހުން ޖައްސަމުންނެވެ. އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބެނީ އޭނާ ތައްޔާރު ކުރާ ގުލާބް ޖާމުން އަށެވެ.

ރަހޫ ބުނީ އެހެން ހިދުމަތްތަކެކޭ އެއްގޮތަށް ކާއެއްޗިއްސަށް އޯޑަރު ދިނުމުން ތައްޔާރުކޮށްގެން ޑެލިވަރީ ކޮށްދޭ ކަމަށެވެ. އޭނާ ތައްޔާރު ކުރާ ކާއެއްޗެހީގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު ގުލާބު ޖާމުންގެ 1،000 ގުޅަ އޭނާ މިދިޔަ ފިތުރު އީދު ދުވަހު އެކަނި ވިއްކި އެވެ.

ރަހޫގެ ވިޔަފާރިތައް ފަސް އަހަރު ތެރޭގައި މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފައި އެވެ އޭނާ ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކުން އޯޑަރު ލިބޭ ކަމަށާއި އެ ހުރިހާ ސަރަހައްދަކަށްވެސް ޑެލިވަރީ ކޮށްދެނީ ހިލޭ ކަމަށެވެ.

ރަހޫގެ ކާމިޔާބީގެ ފަހަތުގައި އަދި މަސައްކަތް ކުރިއަރުވައި ދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ މީހަކީ ފިރިމީހާ މުހައްމަދު ތާޖް އެވެ. ރަހޫ ބުނީ ފިރިމީހާގެ އެހީތެރިކަމާއި ނުލައި މިހާރު ވިޔަފާރީގައި އާދެވިފައިވާ ހިސާބަށް އައުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ރަހޫ އިންސްޓަގްރާމް އާއި ފޭސްބުކްގައި ހިންގާ ޕޭޖުތަކުގެ ތެރޭގައި "ލުޤްމާ ބައި ރަހޫ" "ބޭބީ އަބްރާޒޮސް" "ދި ފްލޯރަލް ބައި އަބްރާޒޮސް" އަދި "އަބްރާޒޮސް" ހިމެނެ އެވެ. މި ޕޭޖުތަކަށް މެސެޖުކޮށްގެންނާއި 7884660 އަށް ގުޅައިގެން އޯޑަރު ދެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް