ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް 3 ގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ކްރޮއޭޝިއާއިން ސްވިޑެންގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއިން ނިމުނުއިރު، ސްވިޑެންގެ މައްޗަށް ކްރޮއޭޝިއާއިން ކުރި ހޯދާފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
ފްރާންގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ލަނޑުޖަހާނެ މާ ހުސްފުރުސަތުތަކެއް ވެސް އެއްވެސް ޓީމަކަށް ލިބިފައެއް ވެސް ނުވެއެވެ. ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބިގެން ދިޔައީ ޕޯޗުގަލްއަށެވެ. އެއީ ނެސްސަން ސިމީޑޯ ދިން ޕާހަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާއެެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި މިހަމަލާ ވަނީ ފްރާންސްގެ ޕަވާޑް ބްލޮކް ކޮށްފައެވެ.
ފްރާންސް އަށް ވެސް ވަނީ ފަހު ހާފުގައި ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތެއް ވަރު ލިބިގެން ގޮސްފައެވެ. އޭގެ ތެރެއިން އެއް ފުރުސަތަކީ އެންޓޮނިން ގްރީޒްމަން ކީލިއެން އެމްބާޕޭއަށް ތަނަވަސްކޮށްދިން ފުރުސަތެކެވެ. ގްރީޒްމަން ޕޯޗުގަލް ޕެނަލްޓީއޭރިއާ ބޭރުގައި ހުރެ އެމްބާޕޭއަށް ވައްޓާލި ތްރޫ ޕާހުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އަނެއް ފުރުސަތަކީ އޮލިވަ ގީރޫޑަށް ލިބުނު ފުރުސަތެވެ. އެމްބާޕޭ ޕޯޗުގަލްގެ ގޯލުކުރި މައްޗަށް ހުރަސްކޮށްދިން ބޯޅަ ގީރޫޑް ބޮލުން ޖެހީ ހުސްކޮށް ހުރެއެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.
ރޭ މި ގުރޫޕުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކްރޮއޭޝިއާ އާއި ސްވިޑެން އެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކްރޮއޭޝިއާ މެޗު ކާމިޔާބު ކުރިއިރު، މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ކްރޮއޭޝިއާއިންނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ލަނޑު ޖަހާ އެޓީމަށް ލީޑު ނަގައިދިނީ ނިކޮލަސް ލެސިކްއެވެ. ސްވިޑެންއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު ހާފުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މާކަސް ބާގްއެވެ. ކްރޮއޭޝިއާއިން މި މެޗުގެ ތިންޕޮއިންޓް ކަޝަވަރު ކުރި ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނެޓުގައި އެންޑްރެޖް ކްރަމަރިޗްއެވެ.
ރޭގެ މި ނަތީޖާތަކާއި އެކު ވެސް ގްރޫޕުގެ އެއްވަނަ ލިބެނީ ޕޯޗުގަލްއަަށެވެ. އަދި ގްރޫޕުގެ ދެވަނަ ލިބެނީ ފްރާންސްއަށެވެ. ކްރޮއޭޝިއާ އޮތޯ ގްރޫޕުގެ ތިންވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް