ޔޫއެފާ ނޭޝަންސް ލީގު: އިންގްލޭންޑުން ބެލްޖިއަމް ބަލިކުރިއިރު ނެދަލެންޑްސް އަށް ޕޮއިންޓެއް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ބެލްޖިއަމްގެ މައްޗަށް ފަހަތުން އަރައި ހޯދި މޮޅާއެކު އިންގްލޭންޑުން ގްރޫޕް ދޭއްގެ އެއްވަނައަށް ޖެހިލައިފިއެވެ ވެމްބްލީގައި ކުޅުނު މި މެޗް އިންގްލޭންޑ...

12 Oct 2020 | 02:34

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ބެލްޖިއަމްގެ މައްޗަށް ފަހަތުން އަރައި ހޯދި މޮޅާއެކު އިންގްލޭންޑުން ގްރޫޕް ދޭއްގެ އެއްވަނައަށް ޖެހިލައިފިއެވެ

ވެމްބްލީގައި ކުޅުނު މި މެޗް އިންގްލޭންޑުން ކާމިޔާބުކުރީ 2-1 އިންނެވެ.

މި މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑު ނެގީ ވެސް ބެލްޖިއަމުންނެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކު އެވެ. މިއީ އޭރިއާ ތެރެއިން ލުކާކު އަށް އެރިކް ޑަޔަ ކުރި ފައުލަކާ ގުޅިގެން ރެފްރީ ބެލްޖިއަމަށް ދިން ޕެނަލްޓީ އެކެވެ.

މި ލަނޑަށް ފަހު އިންގްލެންޑުން މެޗުގެ ކުޅުން އިތުރަށް ރަނގަޅު ކުރިއިރު، އިންގްލޭންޑުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ފޯވަޑް މާކަސް ރަޝްފޯޑެވެ. މިއީ ރަޝްފޯޑަށް ބެލްޖިއަމްގެ ތޯމަސް މުނިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ފަހު ހާފަށް ކުޅެން ނިކުމެ، މެޗުން އިންގްލޭންޑް މޮޅުވި ލަނޑު ކާމިޔާބު ކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓެވެ.

މި މޮޅާއެކު އިންގްލޭންޑް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ބެލްޖިއަމެވެ. ދެ މެޗުން ހޯދި އެއް ޕޮއިންޓާއެކު ތިންވަނައިގައި ޑެންމާކް އޮތްއިރު ފުލުގައި އޮތް އައިސްލޭންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

އިންގްލޭންޑް މޮޅުވިއިރު ގްރޫޕު އެކެއްގައި ނެދަލެންޑްސް އާއި ބޮސްނިއާ ވާދަކުރި މެޗް ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މި ގްރޫޕް ތާވަލަށް ބަލާއިރު 4 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އިޓަލީ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ނެދަލެންޑްސް ދެވަނައިގައި އޮތްއިރު 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޕޮލަންޑެވެ. ފުލުގައި އޮތް ބޮސްނިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް