ގދ. މަޑަވެލީ ފަޅުގައި އޮތް މަސް ދޯންޏެއް 24 މީހުންނާއި އެކު ކަރަންޓިން ކޮށްފި އެވެ.
"ސީ ވޯލްޑް" ނަމަކަށް ކިޔާ މި ދޯނި ކަރަންޓީން ކުރީ ހުޅުމާލެއަށް މަސްކިރުވަން ގޮސްފައިވާތީ އެވެ. އަދި ދޯނިން ބަޔަކު ހުޅުމާލެއަށް ފޭބިކަން ނުވަތަ ނުފައިބާކަން ޔަގީންކޮށްދީފައި ނުވާތީ ކަމަށް މަޑަވެލި ކައުންސިލުން މީޑިއާގައި ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "ދުވަސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ދޯނި ކަރަންޓީން ކުރީ އެޗްޕީއޭގެ އެންގުމަކަށް ނޫން ކަމަށެވެ. އަދި ދޯންޏެއް މީހުންނާއި އެކު ކަރަންޓީން ކުރުން ފަދަ ކަމެއް އެޗްޕީއޭގެ ހުއްދަ ނެތި ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެ ދޯންޏަކީ މަޑަވެލީގެ ދޯންޏެވެ. ހުއްދަ ނެތި މާލެއިން އަތޮޅު ތެރެއަށް ދާ މީހުން ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކަރަންޓީން ކުރުމުގެ ބާރު ކައުންސިލްތަކަށް އޮވެ އެވެ.
މަޑަވެލީގައި މަސް ދޯންޏެއް ކަރަންޓީން ކުރި އިރު އެ ރަށް މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. މަޑަވެލި މޮނިޓަރިންއަށް ލީ އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ ހޯނޑެއްދޫއީން ކޯވިޑް-19 އަށް ބަޔަކު ޕޮސިޓިވްވެފައިވާތީ އެވެ.
މިހާތަނަށް ހޯނޑެއްދޫއިން 38 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް