އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެ ގައުމުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެންމެ ފަހުން އިންޑިއާއިން ގޮތް ދޫކޮށްފި އެވެ.
ދެ ގައުމު ގުޅޭ ބޯޑަރު ހިމެނޭ ލަދަކްގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހަމަނުޖެހުން ހިންގަން ފެށީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. ހަމަލާތައް ހޫނުވެ އިތުރުވީ ފުރަތަމަ ދުވަހު ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވުމުންނެވެ.
އޭގެ ފަހުން ދެ ގައުމު ގުޅޭ ބޯޑަރުގައި ހަމަނުޖެހުންތައް އިތުރުވެފައިވަނިކޮށް މައްސަލަ ފިނިކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރީ ރަޝިއާއިންނެވެ. މަޝްރަހު ފިނިވެފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ "ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން" ޖަމާއަތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ އަރިމަތީގައި އިންޑިއާ އާއި ޗައިނާގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވައި ކުރެއްވި ހާއްސަ މަޝްވަރާތަކެއްގަ އެވެ.
މި މަޝްވަރާތަކަށް ފަހު ނެރެފައިވާ ބަޔާނުގައި ވަނީ ލަދަކްގައި ދެގައުމުގެ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފައިވާ އިންޑިއާ ސިފައިން އަނބުރައި ގެންދިޔުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޖަޔަ ޝަންކަރު އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ. އަދި ދެ ގައުމުގެ ސިފައިން އެކަށީގެންވާ ދުރުމިނެއްގައި ތިބުމަށް އެއްބަސްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް