ޕްރިމިއާ ލީގް: ކުރިއަށް އޮތް ސީޒަނުގައި ފަސް ކުޅުންތެރިންގެ ބަދަލުގައި ތިން ކުޅުންތެރިން ބަދަލުކުރާ ގޮތަށް ހަމަ ޖައްސައިފި

އިނގިރޭސި ޕްރިމިއާ ލީގު 2020/2021 ގެ އައު ސީޒަން މިއަދު ފެށުމަށް ހަމަޖެހިފައިވާ އިރު، ނިމިގެން ދިޔަ ސީޒަނުގައި އޮތް ފަސް ކުޅުންތެރިން ބަދަލު ކުރުމުގެ ޤަވާއިދު ބަދަލުގައި ތިން ކުޅުންތެރިން ބަދަލުކުރުމު...

12 Sep 2020 | 01:43

އިނގިރޭސި ޕްރިމިއާ ލީގު 2020/2021 ގެ އައު ސީޒަން މިއަދު ފެށުމަށް ހަމަޖެހިފައިވާ އިރު، ނިމިގެން ދިޔަ ސީޒަނުގައި އޮތް ފަސް ކުޅުންތެރިން ބަދަލު ކުރުމުގެ ޤަވާއިދު ބަދަލުގައި ތިން ކުޅުންތެރިން ބަދަލުކުރުމުގެ ޤަވާއިދަށް އަމަލުކުރާ ގޮތަށް އިނގިރޭސި ޕްރިމިއާ ލީގުން ހަމަޖައްސައިފިއެވެ.

މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ޤަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 އަށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމާއި ގުޅިގެންނެވެ. މި ބަދަލު ގެންނަން އައިފެބް އިން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ކޮންމެ ލީގެއްގައި ވެސް އެ ލީގެއްގެ ބޯޑުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ބްރޭކަށްފަހު މިދިޔަ ސީޒަނުގެ ފުޓްބޯޅަ ލީގުތައް އަލުން ފެށި އިރު، ކުރިން ބަދަލު ކުރަމުން އައި 3 ކުޅުންތެރިންގެ ގަވާއިދު ބަދަލުކޮށް، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ޤަވާއިދަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވަނީ މި ބަދަލު ގެނެސްފައެވެ.

މީގެ ކުރިން އައިފެބުން މި ޤަވާއިދު ފާސްކޮށްފައި އޮތީ ހަމަ އެކަނި ނިމިގެން ދިޔަ ސީޒަނަށެވެ. އެހެން ނަމަވެސް އައިފެބްއިން ވަނީ އަންނަ ސީޒަނުގައިވެސް މި ޤަވާއިދަށް އަމަލުކުރެވޭނެކަން ހާމަކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި މި ގަވާއިދަށް އަމަލުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ ނެގި ވޯޓުގައި ކުލަބުތަކުން ވަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ޤަވާއިދަށް އަމަލުކުރުމަށް ތާޢީދު ނުކުރާކަމަށް ބުނެ އެ ޤަވައިދާއި ދެކޮޅަށް ވޯޓު ދީފައެވެ.

ނަމަވެސް ޕްރިމިއާ ލީގުން އެ ޤަވާއިދަށް އަމަލު ނުކުރަން ނިންމި ނަމަވެސް ޔޫރަޕްގެ އެހެން ހުރިހާ ލީގެއްގައި އަމަލު ކުރަމުން ދާނީ ފަސްކުޅުންތެރިން ބަދަލުކުރެވޭ ޤަވާއިދަށެވެ.

ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ކުޅުން މިއަދު ފަށާނެއެވެ. އެގޮތުން ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ އެފްއޭ ކަޕުގެ ޗެމްޕިއަން އާސެނަލްއާއި ގިނަ އަހަރުތަކަކަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ފުލަމްއެވެ. މި މެޗު ފުލަމްގެ ދަނޑުގައި ކުޅޭއިރު، މި މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 4:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް