ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.
"ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ނަމުގައި އެކުލަވާލާފައިވާ މި ފްރޭމްވޯކާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ރީޑް ވާނާ އެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މިކަމަށްޓަކައި އެމެރިކާގައި އިއްޔެ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި، ދެ ގައުމުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު ކޯވިޑް-19ގެ މި ހާލަތުގައިވެސް، ކަނޑުފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީގޮތުން، ދިވެހިރާއްޖެފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެށްގެން ކުރިއަށްގެންދިއުން މުހިންމުކަމަށް އެކަމާ ފާހަގަކުރެއްވިއެވެ.
މި ފްރޭމްވޯކްގެ ދަށުން ދެ ގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައި ކަމަށާއި އޭގެ ތެރޭގައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެމެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސް ކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުންފަދަ ކަންކަން ހިމެނޭކަމުގައި ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން މައުލޫމާތުދެއްވާގޮތިގައި މިނިސްޓަރު މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގައެވެ. މި ދަތުރުފުޅަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް