ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުން ވެދާނެ ކަމަށް ބަލައިގެން ރާއްޖެއިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެތަނުގެ އަމާޒަކީ މުޅި ރާއްޖެއިން ބަލި ކޮންޓްރޯލް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުން ދަނީ ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް ޓީމަށް އެޅުމަށް ފެންނަ އެންމެ ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވި އެ ފިޔަވަޅުތަކާއި އެކު މުޅި ރާއްޖެއިން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްގެން ނޫނީ ރާއްޖޭގައި ރައްކާތެރި ޓޫރިޒަމެއް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
ޑރ. ނަޘްލާ މިހެން ވިދާޅުވެފައި މިވަނީ ޔޫރަޕްގެ ގައުމުތަކުން އެކުލަވާލާ ސޭފް ޓޫރިޒަމް ގައުމުތަކުގެ ތެރޭގައި ރާއްޖެ އަދިވެސް ނުހިމެނޭތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅު ކުރައްވާފައިވަނިކޮށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ލިސްޓުގައި ރާއްޖެ ނުހިމެނިގެން އުޅެނީ ކޯވިޑާއި ގުޅިގެން އަޅަން ޖެހޭ ކޮން ފިޔަވަޅުތަކެއް ނޭޅިގެންތޯ ބަލައި އެ ފިޔަވަޅުތަކެއް އަވަހަށް އަޅަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް