ފައްޔާޒުގެ އިތުރުބާޜު ނެތްކަމުގެ ވޯޓު ނަގަން އެމްޑީޕީ މެމްބަރުންތަކެއް ސޮއި ހޯދަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތް އެމްޑީޕީ ފަށައިފި އެވެ. ނަން ނުޖަހަން ޝަރުތުކޮށް މި މަސައްކަތުގައި އިސްކޮށް...

12 Aug 2020 | 12:08

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުގެ މަސައްކަތް އެމްޑީޕީ ފަށައިފި އެވެ.

ނަން ނުޖަހަން ޝަރުތުކޮށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މަޖިލީސް މެމްބަރުން މީޑިއާގައި ވިދާޅުވެފައިވަނީ ފައްޔާޒްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވަނީ އެ ޕާޓީގެ އިސްވެރިންނެވެ. އަދި މިހާރު އެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ ވަރަށް ސޮއި ހަމަވެފައިވާ ކަމަށެވެ.

ފައްޔާޒްގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދަން އެމްޑީޕީން މަސައްކަތް ކުރާ ސަބަބެއް އަދި ނޭނގެ އެވެ. މިއީ އެމްޑީޕީގެ ވެރިކަމުގައި އަމިއްލަ ޕާޓީގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އޫޅޭ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާށެވެ. އެގޮތުން އެމްޑީޕީން ވަނީ ކުރީގެ ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަން ތްރީލައިން ވިޕެއް ނެރެފައި އެވެ.

ފައްޔާޒަކީ، މި ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުންގެ ތެރެގައި ހިމެނިވަޑައިގަންނަވާ ވަޒީރެކެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. އެ ޕާޓީއަތުގައި ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމާއި ބައިބައިވުން އޮންނަ ކަން މަޖިލީހުގައި ބަހުސް ކުރެވޭ ބައެއް މައްސަލަތަކުގައި ހާމަވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް