ބިދޭސީން ގެންނަން މިހާރު ދޫކޮށްފައި ހުރި ހުރިހާ ކޯޓާތަކެއް އާާކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ކޮންމެ ކޯޓާއެއް އަހަރަކު 2،000 ރުފިޔާ އަށް ވިއްކާ ގޮތަށް ސަރުކާރުން ނިންމައި ގަވައިދެއް ގެޒެޓުކޮށްފި އެވެ.
އެގޮތަށް ހަމަޖެއްސުމާ ގުޅިގެން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން އަލުން ކޯޓާ ނަގަން ޖެހޭނެ އެވެ. އަދި ކުރިއަށް އޮތްތާނގައި ނަގާ ހުރިހާ ކޯޓާއެއް 2،000 ރުފިޔާގެ މަގުން ވިއްކާ ގޮތަށް ވެސް މިއަދު އާންމުކުރި ގަވައިދުގައި ހަމަޖައްސައިފައި ވެ އެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބޭނުންކުރެވޭނީ ގަވައިދު ގެޒެޓް ކުރާތާ (މިއަދުން ފެށިގެން) ތިން މަސް ދުވަސްވަންދެނެވެ. އޭގެ ފަހުން އެ ކޯޓާތަކަށް އަހަރަކު 2000 ރުފިޔާގެ މަގުން ފީ ދައްކަން ޖެހޭނެ އެވެ.
ބިދޭސީއަކު ވަޒީފާއަށް ރާއްޖެ ގެނައުމުގެ ކުރިން އޭނާ އަށް ވަޒީފާދިން ކަމުގެ ލިޔުމުގެ ގޮތުގައި، "ލެޓާ އޮފް އެޕޮއިންޓްމެންޓް" ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެން ހެދުމުން ބިދޭސީ މީހާ އާއި ވަޒީފާދޭ ފަރާތާމެދު ސޮއިކުރާ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަންދެން ވަޒީފާގެ އެއްބަސްވުންކަމުގައި ބެލެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި ގަވައިދުގައި ބުނާ ހުއްދަތަން ނެގުމަށް ހުށަހަޅަން ޖެހޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.
ވަޒީފާދޭ ފަރާތް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ފަހު، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރެވިދާނެ ކަމަށާއި ރިޕްރެެންޓޭޓިވް އަކީ ދިވެއްސެއް ކަމަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ގަވައިދުގައި ބުނާ ގޮތުން ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށް ފަހު ކަމަށެވެ.
ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި ކޮންމެ ފަރުދަކަށް، ސަރުކާރުގެ ކޮންމެ އޮފީހަކަށް އަދި ގާނޫނީ ކޮންމެ ޝަހުސަކަށް ވެސް މި ކޯޓާ އަށް އެދެވިދާނެ ކަމަށް ގަވައިދު ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް