ކޯވިޑް-19 އާއި ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް 486 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 335 ފަރާތަކަށް 486 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އަދި 6.5 މިލިއަން ޑޮލަރުވެސް ބޮޑެތި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޮޑެތިވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.
ފިނޭންސްގެ މިނިސްޓްރީން އިތުރަށް ބުނީ، މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 552 ވިޔަފާރިއަކުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 368 ވިޔަފާރިއަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު، 42 ފަރާތަކަށް ލޯނު ދޫކުރުމާ މެދު ގޮތެއް ނިންމަމުންދާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ލޯނަށް ހުށަހެޅި 15 ފަރާތެއްގެ ލޯނު ރިޖެކްޓްވެފައިވާއިރު، ލޯނަށް ހުށަހެޅި 127 ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށްވެސް ފިނޭންސްއިން މަޢުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް