ކޯވިޑް-19 އަށްފަހު ބޯޑަރު ހުޅުވާލިފަހުން ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 55 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، އިއްޔެގެ ނިޔަލަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ 55 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި ހުއްދަ ލިބެނީ ސަރުކާރުން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ފެތޭ ސަފާރީތަކަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޙިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ.އެއީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ.
މީގެ އިތުރުންވެސް، މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއްވާނަމަ ޓެކްސް ކްލިއަރެންސް ޕޯމު ހޯދުމަށް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް އަންގާފައެވެ.
ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ފުރުސަތު މިވަގުތު 55 އުޅަނދަކަށް ލިބިފައިވިޔަސް ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް