ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލީ ދަތިތަކުން އަރައިގަތުމަށް ލޯނާއި ހިލޭ އެހީ ހިމެނޭގޮތަށް ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް ރާއްޖެއަށް ތިން ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މާލީ އިދާރާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ރާއްޖެއަަށް މިހާތަނަށް ދީފައިވަނީ ވޯލްޑް ބޭންކުންނެވެ. ވޯލްޑް ބޭންކުން ގާތްގަނޑަކަށް 31 މިލިއަން ޑޮލަރު (470 މިލިއަން ރުފިޔާ) ދީފައިވެ އެވެ.
މިހާތަނަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކެވެ.
ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެ އަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިޔާއިންނެވެ.
މި އެހީތަކުގެ އިތުރުން ސަރުކާރުން ވަނީ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް