ޔޫރަޕުން ކަނޑައެޅި ސޭފް ޓޫރިޒަމް ލިސްޓުގައި ރާއްޖެ ހިމެނިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅު ކުރައްވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޔޫރަޕުން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމް ލިސްޓުގައި ރާއްޖެ އަދިވެސް ހިމެނިފައިނުވާތީ ހައިރާންވެވަޑައިގެންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ލިސްޓުގައި ރާއްޖެ ނުހިމެނިގެން އުޅެނީ ކޮންމެ ކަމެއް ގޯސްކޮށް ކުރެވިގެންތޯ ނުވަތަ ރަނގަޅު ކުރަން ޖެހެނީ ކޮން ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.
ނަޝީދު ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އަރިހުން އެކަންކަން ބަލައި ދިނުމަށް އެދިވަޑައިގެންފައި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ލިސްޓުގައި ހިމެނިފައިވާ އެހެން ބައެއް ގައުމުތަކާއި ރާއްޖެ އާއި އަޅާ ކިޔައި ލިސްޓުގައި ނުހިމެނޭ ސަބަބު އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ޔޫރަޕްގެ ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އެނބުރި ދިއުމުން އެ މީހުން ކަރަންޓީގައި މަޑުކުރަން ޖެހޭ ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމާ މެދު ވިސްނައި ވަޑައިގަތުމަށް އަމީންގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ނަމަވެސް ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރި އަދަދަކަށް ޓޫޜިސްޓުން ރާއްޖެ އަންނަމުން ނުދެ އެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،700 އެއްހާ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް