ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އައިމިނަތު އީނާސްގެ އެ މަގާމުގައި ހުންނަވައިގެން އެތައް ކުށްތަކެއް ކުރައްވާފައިވާ ކަމަށާ އެކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
އީނާސްގެ އިސްތިއުފާއާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އީނާސް ކޮށްފައިވާ ކުށްތަކަށް ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވުމަށް އެންގުމުން އިސްތިއުފާ ދިނުމުން އެ މައްސަލަތައް ނިމިގެން ނުވާނެ ކަމަށެވެ.
އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސްއާ އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު އިސްތިއުފާ ދެއްވާފައިވަނީ ހުރިހާ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ކުރަމުން ދަނިކޮށެވެ.
މެންބަރު މޫސާ ސިރާޖު ވަނީ އީނާސް ހިންގާފައިވާ ކުށްތައް ތަހުގީގު ކޮށްދެއްވުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްދިނުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށްވެސް ގޮވާލައްވާފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް