ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލާގައި، އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކޮށް، ފޯނާއި ލެޕްޓޮޕް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން މިއަދު ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ. އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ އިތުރުން ހިޔާނާތުގެ މައްސަލައެއްގައިވެސް އަލީ ވަހީދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައި އެވެ. އޭގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އެ މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުންނެވެ. އެކަމާ ގުޅިގެން އޭނާ ވަކި ކުރެއްވީ އިސްތިއުފާ ދެއްވަން އެންގެވުމަށް ފަހު އިސްތިއުފާ ނުދެއްވުމުންނެވެ.
އެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް