ބޮސްނިޔާގެ މުސްލިމުންނަށް އަނިޔާކޮށް ޝަހީދުކޮށްލިތާ 25 އަހަރު ފުރުން

މިއަދަކީ، އ.ދ.ގެ ސަލާމަތީ މަޖިލީހުން، އެއީ އަމާން ޝަހަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ބޮސްނިޔާގެ ސްރެބަނިސާ އަށް، ބޮސްނިޔާގެ ސްރެބުންގެ ފައުޖުތަކެއް ހަމަލާދީ، ސްރެބަނިސާގައި ތިބި 8،000 އަށް ވުރެ ގި...

12 Jul 2020 | 09:11

މިއަދަކީ، އ.ދ.ގެ ސަލާމަތީ މަޖިލީހުން، އެއީ އަމާން ޝަހަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ބޮސްނިޔާގެ ސްރެބަނިސާ އަށް، ބޮސްނިޔާގެ ސްރެބުންގެ ފައުޖުތަކެއް ހަމަލާދީ، ސްރެބަނިސާގައި ތިބި 8،000 އަށް ވުރެ ގިނަ މުސްލިމުންނަށް އަނިޔާކޮށް ޝަހީދުކޮށްލިތާ 25 އަހަރު ފުރޭ ދުވަހެވެ.

މި ހިތާމަވެރި ދުވަހު، އެ ޤަތުލުޢާންމުގައި ޝަހީދުވި އެންމެންގެ ޒިކުރާ އާކުރަމުން އަދި އެ ޖަރީމާއިން ސަލާމަތްވި އެންމެހާ އަޚުންނާއި އުޚްތުންނަށް މަދަދުވެރި ވުމަށާއި އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރަށާއި ދުނިޔޭގެ އެހެން ސަރުކާރުތަކަށް އަޅުގަނޑުމެން ގޮވާލަމެވެ. އަދި ބޮސްނިޔާގެ މުސްލިމުންނަށް އޭރު ދެމުން ގެންދިޔަ ވޭނާއި އަނިޔާތަކާ ދެކޮޅަށް އެދުވަސްވަރު އަޑު އުފުއްލެވި ލޮބުވެތި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

ބޮސްނިޔާ ބައިބައި ކޮށްލުމަށް އޭރު ކުރެވެމުން ގެންދިޔަ މަސައްކަތާއި އަނިޔާވެރިން ހިންގަމުން ގެންދިޔަ ޖަރީމާތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ވަނީ، ރައްޔިތުންގެ ވިންދާއި އިޙްސާސްތަކާ އެއްގޮތަށް، އ.ދ ގެ ޢާންމު މަޖިލީހުގަ އަޑު އުފުއްލަވާފައެވެ. ސްރެބަނިސާގެ ޤަތުލުޢާންމަށް 25 އަހަރު ފުރޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުގަ ތިބި މުސްލިމު އަޚުންނާއި އުޚްތުން ދަނީ، މުސްލިމަކަށް ވީތީ، ތަފާތު އަނިޔާތަކާއި ބިރުވެރިކަމާއި ތަފާތު ކުރުމާއި ތަޢައްޞުބުތައް ތަޙައްމުލް ކުރަމުންނެވެ.

މި ކަންކަމުގެ ހައްލު ހޯއްދެވުމަށް މިއަދުގެ ސަރުކާރުންވެސް ޙިކުމަތްތެރިކަމާ ސާބިތުކަމާ އެކީ ދުނިޔޭގެ ފެންވަރުގެ މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

ޤަތުލުޢާންމު ފެށެނީ، ހަތިޔާރު ބޭނުންކުރާ ހިސާބަކުން ނޫނެވެ. ޤަތުލުޢާންމަކީ ރުޅިވެރިކަމާއި، ނަފުރަތާއި، ތަފާތުކުރުމާއި، ބައިބާވުމާއި، ފިތުނަ ފަސާދަ ކުރުމާއި، ޣައިރު ޤާނޫނީ ޢަމަލުތައް ޢާންމުވުމުގެ ތެރެއިން އުފެދިގެން އަންނަ ކަމެކެވެ. އެއްބައި ވަންތަކަމާއި، އެއްބަޔެއް ވަންތަކަން ގެއްލި މުޖުތަމަޢުގެ ސަފުތައް ރޫޅުމުގެ ތެރެއިން މަގުފަހިވާކަމެކެވެ. އިޙުސާންތެރިކަމާއި، އިންސާނިއްޔަތުކަން ދޫކޮށްލައި، ޙައްދުފަހަނަ އަޅާ ދިޔުމުން ވުޖޫދަށް އަންނަ ކަމެކެވެ.

އެހެންވެ، އަޅުގަނޑުމެންގެވެސް އިޖުތިމާޢީ ތަނބުތައް ވަރުގަދަ ކުރުމަށާއި، އެއްބަޔެއް ވަންތަކަން ދެމެހެއްޓުމަށާއި، ރުޅިވެރިކަމާއި ނަފުރަތުގެ ބަސްތައް އެކަކު އަނެކަކަށް އަމާޒު ނުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް މިފުރުޞަތުގައި ގޮވާލަމެވެ. އަދި މުސްލިމް އުންމަތުގެ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް