ކޮރޯނާ ވައިރަސްގެ އާ ވައިރަސް، ކޯވިޑް-19 އަކީ މިހާތަނަށް ފަރުވާ އެއް ހޯދިފައި ނުވާ ބައްޔެކެވެ.
ދުނިޔޭގެ ހުރިހާ ގައުމުތަކެއް އޮތީ ވެކްސިނެއްގެ އިންތިޒާރުގައި އެވެ. އެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެއް އަދި ޔަގީންކަމާއި އެކު ބުނެވޭނެ މީހަކު ނެތެވެ.
ކޯވިޑް-19ގެ އަލާމާތްތަކަކީ އާންމުކޮށް ޖެހޭ ރޯގާތަކާއި އެއް އަލާމާތްތަކެކެވެ. ހުން އައިސް ރޯގާ ޖެހި ކަރުގައި ރިއްސުން ފަދަ ކަންކަމެވެ. ބަލި ޖެހޭ މީހުންގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަ އެވެ. އެކަމަކު ބަލީގައި ސީރިސް ހާލަތަކަށް ދާ މީހުންނަށް ކުރިމަތިލާން ޖެހޭ ސިއްހީ މައްސަލަތައް ވަރަށް ގިނަ އެވެ.
ދިފާއީ ނިޒާމުގެ ބާރުކަނޑުވާލައި، ބޯ އަނބުރައިގަތުމާއި، ގައިގައި ރިއްސުމާއި އާދަޔާ ހިލާފަށް ގަދަޔަށް ހުން އައުންފަދަ ކަންކަމަކީ މި ބަލީގައި ސީރިއަސްވާ މީހުންނަށް ދިމާވާ މައްސަލަތަކެވެ. މީގެ އިތުރުން މި ބަލީގައި ނިއުމޯނިއާ ޖެހުމަކީ ބަލީގެ ނުރައްކާތެރިކަން އިތުރުވެ އުންމީދު ކަނޑާލަން ޖެހޭ ހިސާބެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު އާންމުކޮށް ބަލި ޖެހެމުންދަނީ އުމުރުން 18 އަހަރާއި 41 އަހަރާއި ދެމެދުގެ މީހުންނަށެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ޕޮސިޓިވްވާ އެއްވެސް މީހެއްގެ ހެން ބަލީގެ އަލާމާތެއް އަދި ބަލީގައި ސީރިއަސް ހާލަތަކަށްވެސް ނުދެ އެވެ.
އެއީ ދިވެހިންނަށް ކޯވިޑް-19 ގެ ނުރައްކާތެރިކަމަށް މާބޮޑު ފާރުވާލެއް ނުބަހައްޓައި ފަރުވާކުޑަ ކޮށްލެވިފައިވާތަން ފެންނަ މައިގަނޑު ސަބަބެވެ. އެންމެންވެސް ބުނަމުންދަނީ ސަރުކާރުން ރައްޔިތުން ބިރު ގެންނެވީ ކަމަށާއި މިއީ މާ ސީރިއަސް ބައްޔެއް ނޫންކަމަށެވެ. އާދައިގެ ރޯގާއެއް ޖެހި ބަލިން ފަސޭހަވާ ކަމަށެވެ.
ދެން ދިވެހިން އެންމެ ގިނައިން ދައްކަމުން ދިޔަ ވާހަކައަކީ ބަލި ޖެހެނީ ތޮއްޖެހިގެން ސާފުތާހިރުކަމެއް ނެތި އުޅޭ ބިދޭސީންނަށް ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައަށް ބަލާއިރު ޒުވާން އުމުރުފުރައިގެ މީހުންނަށް ބަލި ޖެހުނަސް މާބޮޑު ހާސްކަމެއް ނެތް ކަމަށެވެ. ބިދޭސީންގެ ތެރެއިން ބަލިޖެހެމުންދާ މީހުން ރަނގަޅުވަމުންދާއިރު އެމީހުންގެ ފަރާތުން ބަލި ޖެހޭނެ މީހުންނަކީ އެކުގައި މަސައްކަތް ކުރާ ޒުވާން އުމުރުގެ ދިފާއީ ނިޒާމު ވަރުގަދަ މީހުންނެވެ.
ދިވެހިންނާއި ބިދޭސީންނަށް ބަލި ޖެހުމުގައި ހުރި ތަފާތަކީ މިއީ އެވެ. ދިވެހިންގެ މެދުގައި ބަލި ފެތުރުން އިތުރުވާތީ ސިއްހީ ދާއިރާ އާއި ކަމާ ބެހޭ ފަރާތްތަކުން ކަންބޮޑުވާ ކަމަކީ މިއީ އެވެ. ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން ބަލި ޖެހެނީ ދިވެހިންގެ ތެރެއިން ޒުވާން އުމުރު ފުރާގެ މީހުންނެވެ. އެކަމަކު އެމީހުންގެ ފަރާތުން ބަލި ޖެހެނީ ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ.
ކޯވިޑް-19 އަށް ފަރުވާ އެއް ހޯދިފައި ނުވާތީ ބަލި ޖެހޭ މީހުންނަށް ދޭނެ ވަކި ހާއްސަ ބޭހެއް ނުވަތަ ވެކްސިނެއް ނެތުމުން ބަލީގައި ސީރިއަސްވާ މީހުންނަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޑޮކްޓަރުންގެ ޓީމު (ޓެގް) ގެ ވެރިޔާ ޑރ. އަލީ ލަތީފު ވިދާޅުވީ ދިވެހިންނަށް ބަލި ޖެހޭ އަދަދު އިތުރުވާން ފަށައިފި ނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވާނެ ކަމަށެވެ.
އެއީ ބަލީގައި ސީރިއަސް ވާނެ ކަމަށް ބެލޭ މީހުންކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ގުޅިފައިވަނީ ދިވެހިންނާއި ކަމަށްވާތީ އެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް ޖެހިގެން މަރުވެފައިވާ ހުރިހާ ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
ސިއްހީ ފަރުވާ ނުދެވި މާމަ އާއި ކާފަ، މަންމަ އާއި ބައްޕަ ނުވަތަ އާއިލާގެ އިސް މީހަކު ދުނިޔެ އާއި ވަކިވެގެން ދިއުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.
މިދިޔަ ތިން ދުވަހަށް ބަލާއިރު އިއްޔެ 43 ދިވެއްސަކު، އޭގެ ކުރީ ދުވަހު 44 ދިވެއްސަކު އަދި މިމަހުގެ ނުވަ ވަނަ ދުވަހު33 ދިވެއްސަކު ޕޮސިޓީވްވެފައިވެ އެވެ. މިދިޔަ ތިން ދުވަހު ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދަށް ބަލާއިރު ހެދިފައިވާ ގަވައިދުތަކަށް އަމަލު ކުރުމަކީ ދިވެހިން ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް