ރ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ލައިފި އެވެ.
އެޗްޕީއޭއިން ނިންމާފައިވަނީ ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވާ މީހުންގެ ތެރެއިން ކަރަންޓީންގައި ހުއްޓަ މީހަކު ޕޮސިޓިވް ވިޔަސް ރަށް މޮނިޓަރިންއަށް ނުލާށެވެ. އެއީ އެމީހާ އަކީ ރަށަށް ދިޔައީންސުރެ ކަރަންޓީންގައި ހުންނަ މީހަކަށް ވާތީ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
ދުވާފަރުގައިވެސް ޕޮސިޓިވްވެފައިވަނީ ކަރަންޓީން ފުރިހަމަ ކުރި ބައެކެވެ. އެ ރަށުގައި ކަރަންޓީން ފުރިހަމަ ކުރި ތިން މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ.
އެމީހުން ޕޮސިޓިވްވެފައިވަނީ ކަރަންޓީން ފުރިހަމަ ކުރުމުން ހެދި ޓެސްޓު ނެގެޓިވްވުމުން ދޫކޮށްލިފަހުން ދެވަނައަށް ހެދި ޓެސްޓު ޕޮސިޓިވް ވެގެންނެވެ. މިކަން ހާމަ ކުރީ އެ ރަށު ސިއްހީ މަރުކަޒުންނެވެ.
ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި މިދިޔަ މަހުގެ19 ވަނަ ދުވަހު ހޯމް ކަރަންޓީނަށް ރަށަށް ދިޔަ11 މީހަކު ކަރަންޓީން ފުރިހަމަ ކުރުމުން ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ އެމީހުން މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށް ފަހު އޭގެ ތެރެއިން ހަތަރު މީހެއްގެ ސާމްޕަލް ދެވަނަ ފަހަރަށް ޓެސްޓު ކުރި އިރު ތިން މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އެ ރަށަށް މީހުން އަރައި ފޭބުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން ވަނީ މަނާކޮށްފައި އެވެ. އަދި އެ ތިން މީހުންނާއި ބައްދަލުވު މީހުން ދެނެ ގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހޯމް ކަރަންޓީނަށް ފޮނުވާފައިވާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް