މިސްކިތްތަކުގައި އަމަލު ކުރަން ޖެހޭ ގަވައިދުތައް ބަންގިއަށް ފަހު ހަނދާން ކޮށްދޭން ފަށައިފި

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު އަމަލު ކުރަން ޖެހޭ ގަވައިދުތައް މިސްކިތައް ދާ މީހުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން ކިޔައިދޭން ފަށައިފި އެވެ. އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާ...

12 Jul 2020 | 06:48

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު އަމަލު ކުރަން ޖެހޭ ގަވައިދުތައް މިސްކިތައް ދާ މީހުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން ކިޔައިދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ނަމާދު ގަޑިއެއްގައި ބަންގިއަށް ފަހު މިސްކިތްތަކުގައި އަމަލު ކުރަން ޖެހޭ ގަވައިދުތަކާއި މިސްކިތައް ނަމާދަށް ދާއިރު ކުރަން ޖެހޭ ކަންތައްތަކުގެ މައުލޫމާތު އެންމެންނަށް އަޑު އިވޭގޮތަށް ކިޔައިދޭނެ ކަމަށެވެ. މި މައުލޫމާތުތައް ގެނެސްދޭނީ ދިވެހި ބަހުންނާއި ބެންގޯލީ ބަހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތަށް ހަދަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމާއި ގުޅިގެން އަމަލު ކުރަން އަންގާފައިވާ ގަވައިދުތަކަށް އާންމުން ހުރުމަތްތެރިކޮށް ނުހިތާތީ އެވެ. މިނިސްޓަރު ވިދާޅުވީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ވަރަށް މަދު މީހަކު ފިޔަވައި މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުތަކަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ މިސްކިތެއްގެ ދޮރުމަތީގައި މިސްކިތައްދާ މީހުން ގަވައިދަށް އަމަލު ކުރޭތޯ ބަލަން މީހުން ބައިތިއްބޭ ވަރަށް މުވައްޒަފުން ނެތް ކަމަށެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާ ކުރަންޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ނަމާދެއްވެސް އެންމެ ގިނަވެގެން 15 މިނެޓު ތެރޭގައި ނިންމާލާއިރު ގެއިން މުސައްލަ ހިފައިގެން ނަމާދަށް ދާނަމަ ޖެހިޖެހިގެން ނުތިބެ ނަމާދު ކުރެވޭނެ ކަމަށެވެ.

ޒާހިރު ވިދާޅުވީ މިހާރު މިއޮތް ހާލަތުން ޖަމާއަތުގައި ނަމާދު ކުރާނީ ކައިރި ކައިރީގައި ތިބެގެން ކަމަށެވެ. އެކަމަކު މާލޭގެ ހާލަތު އިތުރަށް ގޯސް ވާނަމަ އިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އިތުރު ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް