ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގުޅުންހުރި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، އަލީ ވަހީދާއި ގުޅުންހުރި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އަލީ ވަހީދަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުޤީޤުތަކާއި ގުޅިގެން ހެކި ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކަކާއި ގުޅިގެންނެވެ. ފުލުހުން ވަނީ ކޯޓު އަމުރަކާއި އެކުކޯޓް އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވި ގެވެސް ބަލައި ފާސްކޮށްފައެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަކާއި ގުޅިގެން ހެކި ހޯދަން މ. ފުރަހަނި، ބަލައިފާސްކުރި ނަމަވެސް އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އަލީ ވަހީދު ދިރިއުޅުއްވަނީ އެ ގެއަކު ނޫނެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އަލީ ވަހީދު މަޤާމުން ވަކިކުރައްވާފައެވެ. އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަކަށް ވުރެން މައްޗެވެ.
މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވިޔަސް އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް