އެމްޑީޕީގެ އައު ޗެއާ، ރައީސް މުހައްމަދު ނަޝީދު -
މީގެ ތިން އަހަރު ކުރިން، އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން އުފެއްދެވި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ "ރޫޅާލައްވާނެ" ކަމަށެވެ. މިއަދު އެ މަނިކުފާނު އެ ހުންނެވީ ހަމަ އެ ޕާޓީގެ އެންމެ އިސް އެއް މަގާމު ކަމަށްވާ ޗެއާޕާސަންކަމަށް، ބޮޑު ތަފާތަކުން އިންތިހާބުވެވަޑައިގެންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަޙްމަދު ނަސީމްގެ މައްޗަށް މިއަދުގެ އިންތިހާބުގައި ނަޝީދު ކުރި ހޯއްދެވުމަކީ، ދިވެހި ސިޔާސީ މަސްރަޙުގައި ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ފާހަގަކޮށްލެވޭ އެއް އެނބުރި އައުމެވެ.
ޕާޓީ ދޫކުރައްވައި ވަޑައިގެންނެވީ ކީއްވެ؟
ނަޝީދަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތެވެ. ފުރަތަމަ ޗެއާޕާސަންކަން ކުރެއްވުމަށް ފަހު، 2008 ގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބޭއްވި އިންތިހާބަކުން ހޮވުނު ފުރަތަމަ ރައީސްގެ ޝަރަފު ވެސް ހޯއްދެވިއެވެ. 2012 ގައި ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވިއިރު، ފަހުން ވިދާޅުވެފައިވަނީ އެއީ ބަޣާވާތަކުން މަޖުބޫރުވެވަޑައިގެން ދެއްވި އިސްތިއުފާއެއް ކަމަށެވެ. އޭގެ ފަހުން 2018 ގައި އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ނަޝީދެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައި، 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއަކުން ސަލާމަތްވެވަޑައިގެންނެވިއެވެ.
ނަމަވެސް ޞާލިޙާ ދެމެދު އުފެދުނު ސިޔާސީ ވާދަވެރިކަން ހޫނުވެ، 2023 ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ގެއްލުނެވެ. އޭގެ ފަހުން އެ އަހަރުގެ ޖޫން މަހު ޕާޓީ ދޫކުރައްވައި، އެ މަނިކުފާނުގެ ވަފާތެރިން އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިއެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ދެކޭ ގޮތުގައި، އެ ބައިބައިވުމަކީ 2023 ގެ ރިޔާސީ އިންތިހާބުން ޕާޓީ ބަލިވި މައިގަނޑު އެއް ސަބަބެވެ.
އެނބުރި އައުމުގެ ދަތުރު ފެށުނީ ކިހިނެއް؟
ސިޔާސީ މަސްރަޙުން ދުރުގައި ހުންނަވައި، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ނަޝީދު ފުރުއްވިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު، ޑިމޮކްރެޓްސްގެ ޤައުމީ މަޖިލީހުން ފާސްކުރި ޤަރާރަކާ އެކު، އެ ޕާޓީގެ މެމްބަރުންނާ އެކު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. އެއީ 2028 ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރެއްވިތާ ދެ ހަފްތާ ފަހުންނެވެ. އޭރު ޞާލިޙް ވެސް އެ ނިންމުމަށް މަރުހަބާ ވިދާޅުވިއެވެ.
ޗެއާޕާސަންކަމުގެ މަގާމު ހުސްވީ، 2022 ގައި ބޮޑު އަޣުލަބިއްޔަތަކުން އެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް، 2028 ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ވަގުތީ ޗެއާޕާސަނެއްގެ ގޮތުގައި ހުންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
"ބޮޑު ބަދަލު" - ހަމައެކަނި ޗެއާޕާސަންކަމެއް ނޫން!
ނަޝީދު މި އިންތިހާބަށް ނުކުންނެވީ ހަމައެކަނި ޕާޓީ ހިންގެވުމުގެ ވިސްނުމަކު ނޫނެވެ. ފައްޔާޒާ ގުޅިވަޑައިގެން އިއުލާނުކުރެއްވި "ބޮޑު ބަދަލު" ޕްލޭންގެ އަމާޒަކީ، 2028 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، ޕާޓީއަށް އަލުން ވެރިކަން ހޯއްދަވައިދެއްވުމެވެ. އޭގެ އިތުރުން، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ވަކި ދެ މަގާމަށް ހެދުމުގެ ވިސްނުން ވެސް ވަނީ ހާމަކުރައްވައިފައެވެ. ބަރުލަމާނީ ނިޒާމުތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ޚިލާފަށް، އެ ހުށަހެޅުމުގައި އޮތީ ދެ މަގާމަށް ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން މީހުން ހޮވާ ގޮތަށެވެ. ސަރުކާރުގެ ވެރިއަކަށް ފައްޔާޒް ހޮވުމަށް ތާއީދުކުރައްވާނެ ކަމަށާއި، ދައުލަތުގެ ވެރިޔާގެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވާދަވެރި ކެމްޕެއިނެއް - ފާޑުކިޔުންތަކަށް ދެއްވީ ކޮން ޖަވާބެއް؟
މި އިންތިހާބު ވެގެން ދިޔައީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ފަހުގެ ތާރީޚެއްގައި ބަހުގެ ހަމަލާތައް އެންމެ ހޫނުވި އިންތިހާބަށެވެ. އުމުރުން 32 އަހަރުގެ މީކާއީލަށް ތާއީދުކުރެއްވީ ޞާލިޙާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕެވެ. މީކާއީލްގެ ކެމްޕެއިން ބިނާކުރެއްވީ ޕާޓީގެ ބާރުތައް މަރުކަޒުވެފައި އޮތް އޮތުން ބަދަލުކޮށް، ޒުވާން ލީޑާޝިޕެއް ގެނައުމުގެ ތަޞައްވުރުގެ މައްޗަށެވެ. ޞާލިޙް ކެމްޕެއިން ތެރޭގައި ވިދާޅުވެފައިވަނީ، ނަޝީދު ވާދަނުކުރައްވައި އާ ލީޑަރުންނަށް ޖާގަ ދެއްވަން ޖެހޭ ކަމަށެވެ.
ނަޝީދަށް އެންމެ ބޮޑަށް އަމާޒުވި ފާޑުކިޔުމަކީ، ކުރިން ޕާޓީ ދޫކުރައްވައި ޕާޓީއާ ދެކޮޅަށް މަސައްކަތްކުރެއްވި މައްސަލައެވެ. އެ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން، ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެ މަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި، ދެން ދުވަހަކު ވެސް ޕާޓީ ދޫނުކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ކަފާލިޔަސް ނިކުންނާނީ ރީނދޫ ލޭ ކަމަށް ވިދާޅުވިއެވެ.
ދެން އޮތީ ކޮން ކަމެއް؟
މި އިންތިހާބަކީ 2028 ގެ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އިންތިހާބެކެވެ. ނަޝީދުގެ ކާމިޔާބީއާ އެކު، އެމްޑީޕީގެ މިސްރާބު ދެން ކަނޑައަޅުއްވާނީ އެ މަނިކުފާނާއި ފައްޔާޒްގެ "ބޮޑު ބަދަލު" ފެކްޝަނުންނެވެ. ނަމަވެސް ކުރިއަށް އޮތީ ފަސޭހަ މަސައްކަތެއް ނޫނެވެ. ހޫނު ކެމްޕެއިނަކަށް ފަހު، ޞާލިޙާއި މީކާއީލްގެ ފަޅީގައި ތިބި މެމްބަރުންނާ އެކު ޕާޓީ އެކަތިގަނޑަކަށް ހެދުމާއި، ވެރިކަންކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ އިދިކޮޅެއްގެ ގޮތުގައި ޕާޓީ ނެރުމަކީ، އަލުން ހުންގާނާ ހަވާލުވެވަޑައިގެންނެވި ނަޝީދުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އިމްތިހާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް