ކޯވިޑް-19ގެ ހާލަތުން އަރައިގަނެ އިގްތިސާދު ކޮޅަށް ޖެހުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 1.4 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް އެކުލަވާލައި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޖަޕާނުގެ ދީލަތި އެހީއާއެކު ޔޫއެންޑީޕީގެ ގްލޯބަލް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ސޮއި ކުރެއްވިއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އަކިކޯ ފުޖީ އެވެ.
ޕްރޮގްރާމްގެ ނަމަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް އެންޑް ޑިވެލޮޕްމެންޓް ފޮރ އެސްއެމްއީސް (ސީޑްސް)،
މި ޕްރޮޖެކްޓްގައި އިސްކަންދެނީ ކޯވިޑް-19ގެ ހާލަތުގައި ސީދާގޮތުން ގެއްލުންވި ގެތަކާއި މައިކްރޯ، ކުދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން 2000 އަށްވުރެ ގިނަ، މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އަދި އާދައިގެ ގޮތެއްގައި ދަނޑުވެރިކަންކުރާ 250 އަށްވުރެ ގިނަ ދަނޑުވެރިންނަށްވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންސްތައް މެދުވެރިކޮށްށެވެ. މި ޕްރޮޖެކްޓް އެކުލަވާލާފައިމިވަނީ ކޯވިޑް-19ގެ ގެއްލުން ދެނެގަތުމަށް ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ރެޕިޑް ލައިވްލިހުޑް އެސެސްމަންޓުން ދޭހަވި މައްސަލަތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
"ގައުމުގެ އިގްތިސާދު އަލުން ފަށަންޖެހިފައިވާ މި ދަނޑިވަޅުގައި ސީޑްސް ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް، ގައުމުގެ އިގްތިސާދު ރަނގަޅުކޮށް ދެމެހެއްޓުގެ ބޭނުން ވަރަށް ބޮޑަށް މިވަނީ ޖެހިފައި، ހާއްސަ ގޮތެއްގައި ދަނޑުވެރިކަންފަދަ އަސާސީ ސެކްޓަރތަކުން މި ބަދަލު ފެންނަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި، އެތެރޭގެ އުފެއްދުންތައް އިތުރު ކުރުމަށާއި ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަދި އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގައި މި ޕްރޮޖެކްޓްގެ އެހީތެރިކަން ވަރަށް ބޭނުންތެރި" ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.
ނުވަ މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީން ސޮއިކޮށްފައިވާއިރު މި ޕްރޮޖެކްޓަކީ މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުވާ "ނެކްސްޓް-ޖެނެރޭޝަން" އަދި ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަން ކުރުމަށް ބާރު އަޅާ ޕްރޮޖެކްޓެކެވެ.
"އިމްޕޯޓް ކުރެވޭ ދަނޑުވެރިކަމުގެ، ކާބޯތަކެއްޗަށް ބަރޯސާ ނުވެ، ނުވަތަ އެބައި މަދު ކުރުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްތަކަށް ޓްރާންސްޕޯޓް ކުރުމުގެ ދަތިކަން، މި ހާލަތުން މި ދަތިކަމުން އަރައިގަތުމަސް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ މިންވަރު ވަރަށް ބޮޑުތަނުން އިތުރު ކުރަން އެބަޖެހޭ، އަދި ޒަމާނީ، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަން ކުރިއެރުވުމުގައި ރާއްޖެއަށް މިވަނީ ވަރަށް ބޮޑު އިންގިލާބަކަށް ބޭނުންވެފައި" ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
ޔޫއެންޑީޕީން މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެންނެވެ.
"ރާއްޖޭގެ މުސްތަބްލަށް ހެޔޮ ބަދަލެއް ގެނެވޭފަދަ އާ ޖީލަކަށް އެހީވުމުގައި ހިއްސާ ވެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އުންމީދު ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާކޮށް ބައްޓަން ކުރުމުގައި ޒުވާނުންނާއި އަންހެނުން އިސްވެ އައު ހިޔާލުތަކާއި މަސައްކަތް ކުރާ މަންޒަރު ފެނިގެންދާނެ ކަމަށް އަދި މި ފުރުސަތު ބޭނުން ތިމާވެއްޓާއި ރައްޓެހި މާހައުލެއްގައި މަސައްކަތްކުރާ މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހިފާނެ ކަމަށް" ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އަކިކޯ ފުޖީ ވިދާޅުވިއެވެ.
ޔޫއެންޑީޕީގެ ގްލޯބަލް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ މި ޕްރޮޖެކްޓަށް $1,449,360 (1.4 މިލިޔަން ޑޮލަރު) ކަނޑައަޅާފައިވާއިރު މި ހިނގާ ޖޫންމަހު މި ޕްރޮޖެކްޓް ފެށިގެންދާނެއެވެ. މި ޕްރޮޖެކްޓް ކުރިއަށް މިގެންދެވެނީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް