ކޯވިޑް-19ގައި ތަފާތުކުރުމެއްނެތި ފަރުވާދޭ ގައުމުތަކުގެރޭގައި ރާއްޖެ ހިމެނޭކަން މިޝެލް ބެޝެލޭ ފާހަަގަކުރައްވައިފި

ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އދގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާ ފާހަގަކުރައްވައިފިއެވެ. ހި...

12 Jun 2020 | 08:41

ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އދގެ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ އިސްވެރިޔާ ފާހަގަކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރ މިޝެލް ބެޝެލޭ ވިދާޅުވީ މީހާ ނިސްބަތްވާ ޤައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ދިވެހިރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވީ ޖޫން މަހުގެ 10 ވަނަ ދުވަހު ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓަރގެ ވަރޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ނާމްގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަ އަޒަރްބައިޖާންގެ ސަފީރެވެ.

ރާއްޖޭގައި ތިބި ބޭރު މީހުންނަށް ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މީގެ ކުރިން ވަނީ އަރުވާފައެވެ.

ކޮވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނަރގެ އޮފީހުން ކުރައްވާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް