ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތުގެ ހަޒާނާކަމުގައިވާ އިންޓަނެޓަށް އެކްސެސްވެ ދިވެހި އަދި އިނގިރޭސި ވެބްސައިޓްތަކަށް ޒިޔާރަތްކޮށް އެ ވެބްސައިޓްތަކުގެ މައުލޫމާތާ ހަމައަށް އެ ފަރާތްތަކަށް ފަސޭހައިން ވާސިލުވެވޭނޭހެން އުފައްދާފައިވާ "ތާނަ މެލޯ" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ލޯންޗުކުރި މި އެޕްލިކޭޝަނަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުން ކޮށި ވާ ފަރާތްތަކާއި ސިއްހީ ކަންކަމާއި ގުޅިގެން ލޮލުގެ ފެނުން ކޮށި ފަރާތްތަކަށް، މައުލޫމާތު ހޯދާ މައުލޫމާތަށް ފަސޭހަކަމާއެކު ވާސިލުވެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއީ ހައްލަކަށް ބޭނުންވެ ގިނަ ދުވަސްވެފައިވާ މައްސަލައަކަށް ލިބިގެންދިޔަ ހައްލެކެވެ.
މި އެޕްލިކޭޝަނަކީ އޮސްޓްރޭލިޔާގެ ސަރުކާރުގެ އެހީއާއެކު ޔޫއެންޑީޕީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިދިޔަ އަހަރު ކުރިއަށްގެންދިޔަ "މިޔަހެލި – ސަޅި ހައްލެއް" ޕްރޮޖެކްޓްގެ ބެޗްގައި ބައިވެރިންގެ ޓީމަކުން ފަރުމާކުރި އެޕްލިކޭޝަނެކެވެ. އެ ޓީމުގެ މި ހުށަހެޅުން އެ ފަހަރުގެ މިޔަހެލިން ކާމިޔާބު ހޯދާ، މިހާރު މި އެޕްލިކޭޝަން މިވަނީ މިކަމަށް ލިބުނު މާލީ އެހީއާއެކު ވުޖޫދުވެފައެވެ.
މި އެޕްލިކޭޝަން ފަންކްޝަން ކުރާ ގޮތަކީ ދިވެހި ވެބްސައިޓްތައް، ނޫސްތަކާއި ސަރުކާރުގެ ގެޒެޓްފަދަ ވެބްސައިޓްތަކުގެ ކޮންޓެންޓް އޮޓޯއިން ލެޓިނަށް ބަދަލުކޮށްލާ، ލެޓިން ބަސްތައް ސްޕީޗް ޓު ޓެކްސްޓް ފީޗާގައި އެ ލިޔުންތައް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޑުއަހާލެވޭގޮތް ވުމެވެ.
2019 ވަނަ އަހަރުގެ މިޔަހެލު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ޔޫތު މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ވެލްނަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެންޑް ޔޫތާއި ގުޅިގެންނެވެ.
މި އެޕްލިކޭޝްން އުފެއްދި "ތާނަ މެލޯ" ޓީމުން ގަބޫލުކުރާ ގޮތުގައި ކޯވިޑް-19 ގެ މި ހާލަތުގައި ސައްހަ އަދި ބޭނުންތެރި މައުލޫމާތަށް ވާސިލުވުމުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. އަދި ހަމަ އެހެންމެ މި ހާލަތުގައި ގޭގައި ތިބެގެން ތައުލީމި އުނގެނޭ އެފަދަ ފަރާތްތަކަށްވެސް މި އެޕްލިކޭޝަނަކީ އެހީއަކަށް ވާނެ ކަމުގެ ފޮނި އުންމީދު މި އެޕްލިކޭޝަން އުފެއްދި ޓީމުން ކުރެއެވެ.
މި އެޕްލިކޭޝަން ވުޖޫދުވެގެންދިޔަ މިޔަހެލި ޕްރޮގްރާމަކީ އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމުގައިވާއިރު އޮސްޓްރޭލިޔާ ހައި ކޮމިޝަނަރ ޑޭވިޑް ހޮލީ ވިދާޅުވެފައިވަނީ މިފަދަ އެޕްލިކޭޝަނެއް އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު ވުޖޫދުވެގެންދިޔަ ކަމީ އެ ފަރާތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ފަހުރެއް ކަމަށެވެ. އަދި މި އެޕްލިކޭޝަން އުފެއްދި ޓީމަށް އޮސްޓްރޭލިޔާއިން ހާއްސަ މަރުހަބާއެއް ދަންނަވާކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
ތާނަ މެލޯ އެޕްލިކޭޝަން މިހާރު ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެއްވޭނެއެވެ.
[contentcards url="https://play.google.com/store/apps/details?id=com.thaana.mallow.com.thaana.mallow&fbclid=IwAR3sXmDHAg95g1B6q1kvIoYImyqUpaZ5JnZGvh6LEtpUW80if3RaMCcGRt0" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް