އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ސާމްޕަލް ނަގަން ފަށައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަކީ މި ބަލި ޖެހޭ މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި ހާލަތަކަށް ދާ މީހުން ކަމަށެވެ. އެހެންވެ ރާއްޖޭގައި މިހާރު ބަލި ފެތުރެމުންދާ ހާލަތަށް ބަލައި އުމުރުން ދުވަސްވީ މީހުންގެ ގިނަ ބައެއްގެ ޓެސްޓު ހެދުމަށް ނިންމީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ސަމްޕަލް ނެގުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. އެކަމަކު މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ގިނަ ކުރާނެ ކަމަށެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސްފަރުވާ ކުރަން ޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ. އެހެންވެ ސިއްހީ މާހިރުން ވަނީ މިފަދަ ފަރާތްތައް އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައި އެވެ.
މިހާރު ކޯވިޑް-19 ޖެހިގެން ޑީއެޗް11 އާއި ޓްރީޓޮޕް އައިޔޫގައި ފަރުވާ ދެމުންދާ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.
ރާއްޖޭގައި ބަލި ފެތުރޭވަރު ދެނެގަތުމަށް އަތޮޅު ތަކާއި މާލޭގައި ސާމްޕަލް ނެގުމަށް ވަނީ ހަމަޖައްސާފައި އެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ރެންޑަމް ސާމްޕަލް ނަގަން ވަނީ ފަށާފައި އެވެ.
މީގެ އިތުރުން ނުރައްކާތެރި ކަމަށް ހުށަހެޅިގެން މަސައްކަތް ކުރަމުންދާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޖަލުތަކުގައި ބަލި ފެތުރޭތޯ ބަލަންވެސް ސާމްޕަލް ނަގާފައިވެ އެވެ.
މި މަހުގެ ފަހުކޮޅު ރާއްޖެ ކޯވިޑް-19 ގައި ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރެ އެވެ. އެގޮތުން ޓެސްޓު ކުރެވޭނެ އިންތިޒާމް ނެތަސް މިމަހު31 ގައި1،600 މީހުން އެއް ދުވަހާ ބައްޔަށް ޕޮސިޓިވްވާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް