ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ފެންމީޓަރުގެ ފޮޓޯއާއި ރީޑިން، އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް އަޕްލޯޑް ކޮށްލައްވައިގެން ކަސްޓަމަރުންނަށް އަމިއްލައަށް ފެންބިލު ޖެނެރޭޓް ކޮށްލެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީގެ އެޕަށް މި ފީޗަރ ތައާރަފް ކުރެވުނީ، ފުރަބަންދުގައި އެމްޑަބްލިއެސްސީގެ މުވައްޒަފުން ގޭގެއަށް މީޓަރ ރީޑިންގ ނަގަން ދިއުމަކީ، ކަސްޓަމަރުންނާއި މުވައްޒަފުންނަށްވެސް ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަކަށްވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގަވާއިދުން ފެންބިލު ލިބިލައްވާނެ އިންތިޒާމް ހަމަޖެއްސުމަށް ކަމުގައި އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި އިންތިޒާމް ހަމަޖައްސާފައިވާގޮތަކީ ފެން މީޓަރުގެ ރީޑިން ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިން އަޕްލޯޑް ކުރެއްވުމަށް އެދި އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް އެސްއެމްއެސް ނޮޓިފިކޭޝަނެއް ފޮނުވުވުމެވެ. އަދި އެމްޑަބްލިއުއެސްސީގެ ނޯޓިފިކޭޝަން ލިބިލެއްވުމުން އެމްޑަބްލިއުއެސްސީގެ އެޕަށް ލޮގިންވެލައްވައި، އެޕްގެ ހޯމް ސްކްރީނުން ފެނިވަޑައިގަންނަވާ ރީނދޫ ކުލައިގެ ކެމެރާ އައިކަނަށް ފިއްތަވާލެއްވުމަށްފަހު އެޕްގައި ދީފައިވާ އިރުޝާދުތަކާއެއްގޮތަށް މީޓަރުގެ ފޮޓޯއާއި މީޓަރުގެ ޑައިލްއިން ފެނިވަޑައިގަންވާ އަށް އަދަދު ނަމްބަރު ޖައްސަވައިލެއްވުމަށްފަހު، ސަބްމިޓް ކޮށްލެއްވުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓްވެ އެޕަށް ބިލް އަޕްޑޭޓްވާ ގޮތަށެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވާގޮތުގައި މި ފީޗަރގެ ދަށުން، އެޕް މެދުވެރިކޮށް އަޕްލޯޑްކޮށްލެވޭނީ ހަމަ އެވަގުތު ކެމެރާއިން ނަގާ މީޓަރުގެ ފޮޓޯއެކެވެ. ފޯނުގެ ފޮޓޯ ގެލެރީން، މި ފީޗަރގެ ދަށުން ފޮޓޯ އަޕްލޯޑެއް ނުކުރެއްވޭނެއެވެ.
އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިންގ އާއި ފޮޓޯ ފޮނުވުމާބެހޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ވެބްސައިޓް https://mwsc.com.mv/covid19 އިން ލިބިވަޑައިގަންނަވާނެއެވެ.
ކަސްޓަމަރުންނަށް މީޓަރ ރީޑިންގ، ނުފޮނުވޭނަމަ އެމްޑަބްލިއުއެސްސީން އެ މަހަކަށް ބިލް ހަދާނީ އެ ގޭބިސީއެއްގެ ފާއިތުވި ތިންމަހާއި ހަމަހާ ދޭތެރޭގެ ބިލްތަކުގެ އެވްރެޖަށް ބިނާކޮށެވެ، އެވްރެޖް ބިލެއް ކަމުގައިވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މިދުވަސްވަރު ފެން ބިލް ފޮނުވޭނީ ހަމައެކަނި ޑިޖިޓަލްކޮށް ކަމަށްވުމާއެކު، އެމްޑަބްލިއެސްސީގެ އިލްތިމާސަކީ އެންމެހައި ކަސްޓަމަރުންވެސް އެމްޑަބްލިއުއެސްސީ އެޕަށް ރަޖިސްޓްރީވެލައްވައި އެޕް ބޭނުން ކުރަމުން ދިޔުމެވެ.
އައިފޯން ގެންގުޅުއްވާ ފަރާތްތަކުން
https://apps.apple.com/ml/app/mwsc/id1273369072
އެންޑްރޮއިޑް ގެންގުޅުއްވާ ފަރާތްތަކުން
https://play.google.com/store/apps/details?id=mv.mwsc.eportal@hl=en
ތިރީގައިވާ ކޯޑް ސްކޭން ކޮށްލައްވައިގެންވެސް އެމްޑަބްލިއުއެސްސީގެ އެޕް އިންސްޓޯލް ކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް