ރާއްޖޭގައި ތިބި އިންޑިއާގެ ކެރެލާ ސްޓޭޓާއި މަލިކަށް ނިސްބަތްވާ މީހުން އެކަނި ގެންދަން ކަނޑުމަގުން ދަތުރެއް ކުރާގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މި ދަތުރު އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސްޖަލަޝްވާގައި ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ15 ވާ ހުކުރު ދުވަހު ކަމަށެވެ. މި މަނަވަރު ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ކެރެލާ ސްޓޭޓްގެ ސިޓީއެއްކަމަށްވާ ކޮޗިންއަށެވެ. ކޮޗިންއިން މަލިކަށް ފެރީގައި ދެވެ އެވެ.
އެ ދަތުރުގައި ގެންދާނެ މީހުންގެ އަދަދެއް ހައި ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ކަނޑު މަގުން ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން ދެ ދަތުރު ކޮށްފައިވާއިރު އެއް ދަތުރުގައި698 މީހުން އަދި އަނެއް ދަތުރުގައި200 މީހުން ގެންގޮސްފައިވެ އެވެ.
ކަނޑުމަގުން ގެންދިޔަ އެންމެން ކެރެލާގެ ކަރަންޓީން ފެސިލިޓީއެއްގައި14 ދުވަސް މަޑު ކުރަން ޖެހެ އެވެ. އެމީހުންނަށް އެހެން ސިޓީތަކަށް ދެވެނީ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު އެވެ.
ކެރެލާ ސްޓޭޓް އާއި އެ ސްޓޭޓްގެ ބައެއްގެ ގޮތުގައި އޮންނަ މަލިކު މީހުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ވައިގެ މަގުންނެވެ. އެ ދަތުރުތަކުގައި ވައިގެ މަގުން އެނބުރި ދާން ބޭނުންވާ އިންޑިއާ ރައްޔިތުން ހައިކޮމިޝަނަށް އީމެއިލް ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
ވައިގެ މަގުން ދަތުރުކުރަން ކަނޑައަޅާފައި ވަނީ ޗެންނާއީ، ބެންގަލޫރު، މުމްބާއި އަދި ނިއު ދިއްލީ އަށެވެ. ކެރެލާ މީހުން ކަނޑުމަގުން ފުރަތަމަ ގެންދަން ހަމަޖެއްސީ ޓެމިލްނާޑޫގެ ޓުޓިކޮރިން ބަނދަރަށެވެ. އެކަމަކު އެ ސްޓޭޓްގެ ސަރުކާރު އެކަމަށް އެއްބަސްނުވުމުން ކޮޗިންއަށް ބަނދަރު ކުރަން ހަމަޖެއްސީ ކަމަށް ވެ އެވެ.
ރާއްޖޭގައި އިންޑިއާގެ3،000 އާއި ގާތްކުރާ އަދަދަކަށް މީހުން މަސައްކަތް ކުރެ އެވެ. ލޮކްޑައުން އާއި ގުޅިގެން އިންޑިއާ މީހުން އަނބުރާގައުމަށް ގެންދިޔަ ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނުދެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް