ކޯވިޑް-19: ރިކަވަރީ ސްކީމްގެ ދަށުން 100 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލްއިން ދޫކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލި ރިކަވަރީ ސްކީމްގެ ދަށުން 100 މިލިއަން ރުފިޔާގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފިއެވެ. ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަ...

12 May 2020 | 07:50

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލި ރިކަވަރީ ސްކީމްގެ ދަށުން 100 މިލިއަން ރުފިޔާގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމް ގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

މި ގޮތުން މިހާތަނަށް ބޭންކުން އިވެލުއޭޓް ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 92 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް މިވަނީ ކަސްޓަމަރުންނަށް ފޮނުވާފައިވާނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ. އަދި މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 73 ކަސްޓަމަރަކަށް 100 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކުރެވިފައި ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މި މުއްދަތުގައި ގައި ވެސް ބޭންކުން މިދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިންގ ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިންގ ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެވެސްމެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފައެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް