މި މަސް ނިމުމުގެ ކުރިން އައްޑޫގައި ކޯވިޑަށް ޓެސްޓު ކުރަން ފެށޭނެ!

މި މަސް ނިމުމުގެ ކުރިން އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ރޭ ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި އައްޑޫ ސިޓީގެ ހަތް ދާ...

12 May 2020 | 07:25

މި މަސް ނިމުމުގެ ކުރިން އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރޭ ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި އައްޑޫ ސިޓީގެ ހަތް ދާއިރާގެ މަޖިލީސް މެންބަރުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކޮށް ކޯވިޑާއި ގުޅޭގޮތުން އައްޑޫގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކޮށްފައި އެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި އައްޑޫގައި ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް މި މަސް ނިމުމުގެ ކުރިން ހަމަޖެހޭ ކަމަށް ޑަބްލިއުއޗްއޯ އާއި ހަވާލާ މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ޕީޕީއީ ނުވަތަ ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުން ހުސްްނުވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެ ބައްދަލުވުމުގައި ހަ ކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭގެ ތެރޭގައި ޕީޕީއީ ލިބޭނެ ގޮތާއި، ވައިރަހަށް ޓެސްޓު ކުރުން ހަމަޖެއްސޭނެ ގޮތްތައް އަވަސް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ވަރުގަދަ ކުރުމާއި، ކަރަންޓީން ފެސިލިޓީތައް އިތުރުކޮށް އެ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.

މީގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެހީގެ ގޮތުގައި އައްޑޫ ސިޓީއަށް ލިބޭ ތަކެތި ފަސޭހައިން އެ ސިޓީއަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.

އައްޑޫ އާއި އެކު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް މި މަސް ނިމުމުގެ ކުރިން ހަމަޖައްސަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ޓީބީ އަށް ޓެސްޓު ކުރާ މެޝިން ހުރި ފަސް ހޮސްޕިޓަލެއްގައި ޓިބީ މެޝިނަށް ވަކި ވައްތަރެއްގެ ކާޓްރިޖެއް ލައްވައިގެން ޓެސްޓު ކުރާ ގޮތަށެވެ.

މި ކާޓްރިޖްތައް ރާއްޖެ ނުގެނެވި ލަސްވަނީ ވައިގެ ދަތުރުތައް ހުއްޓިފައިވާތީ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް