މިދިޔަ ހަފްތާގައި ކޯވިޑަށް ހޭދަ ކުރި މިންވަރު 22 ޕަސެންޓު އިތުރު

ކޯވިޑް-19 އަށް މިދިޔަ ހަފްތާގައި ހަރަދު ކުރި މިންވަރު 22 ޕަސެންޓު އިތުރު ވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ކޯވިޑާއި ގުޅިގެން ދައުލަތުން ހަރަދު ކުރާވަރު އާންމު ކުރަން ވަނީ ފަށާފައި އ...

12 May 2020 | 06:45

ކޯވިޑް-19 އަށް މިދިޔަ ހަފްތާގައި ހަރަދު ކުރި މިންވަރު 22 ޕަސެންޓު އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ކޯވިޑާއި ގުޅިގެން ދައުލަތުން ހަރަދު ކުރާވަރު އާންމު ކުރަން ވަނީ ފަށާފައި އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވަނީ މިހާތަނަށް ކޯވިޑާއި ގުޅިގެން812 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި އެކަނި ކޯވިޑާއި ގުޅިގެން147 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ކޯވިޑަށް ހަރަދުކޮށްފައިވަނީ665 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުގައި އެންމެ ބޮޑު ހަރަދެއް މިދިޔަ ހަފްތާގައިވެސް ކޮށްފައިވަނީ ހެލްތް މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުންނެވެ. އެ ދެ ތަނުން ޖުމްލަ161 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިހާތަނަށް އެ ދެ އިދާރާއިން ކޮށްފައިިވާ ހަރަދުތަކަށް ބަލާއިރު ޓެސްޓު ކުރުމާއި ޕީޕީއީ ހޯދުމަށް 389 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ވެންޓިލޭޓަރާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ސިއްހީ ހިދުމަތަށް ހަމަޖެއްސުމަށް 187 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކަރަންޓީނު ފެސިލިޓީ، ސިއްހީ އަދި އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވައިރު މަރާމާތު ކުރުމާއި ދަތުރުފަތުރަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ހަރަދުތަކުގެ އިތުރުން ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ހަ މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން ދެ ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ ރުފިޔާ އާއި ޖެންޑާ މިނިސްޓްރީން ދެ ލައްކަ ރުފިޔާ އާއި ފުލުހުންގެ އިދާރާއިން ހަ ލައްކަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.

މީގެ އިތުރުން ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 24 މިލިއަނާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.

ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި ވައިރަހަށް ޓެސްޓު ކުރުމަށާއި ކަރަންޓީން ފެސިލިޓީތަކަށާއި މެޑިކަލް ސާމާނު ހޯދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމު ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާޑުގެ ބާވަތްތައް ގެނައުން ވެސް ހިމެނެ އެވެ. ކޯވިޑް-19 ޖެހޭ ހުރިހާ އެންމެންނަނށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ހަރަދުގައި ހިލޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް