އއ. ވެލިދޫ ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ހިނގި އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރާ އެ ރަށާއި ހަވާލުވެ ހުންނެވި ސިފައިންގެ ކޮމާންޑަރާއި އެ ރަށުގައި ހުރި އަންހެން ޑޮކްޓަރަކާއި ދަންވަރު އެކަހެރިކޮށް ބައްދަލު ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި އެވެ. އެކަން ފަޅާއެރީ ކޮމާންޑަރުގެ ކޮޓަރިން ޑޮކްޓަރު ނުކުންނަތަން ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ.
ފުލުހުންގެ މީޑީއާއިން މިއަދު ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގެ ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފުލުހުން އަމިއްލައަށް އިސް ނަގައިގެންވެސް ބަލަމުން ނުދާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ދިއުމަކީ މަނާކަމެކެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭގެ ތެރެއިން ޑޮކްޓަރު މާލެ ގެނައުމަށް ވަނީ ނިންމާފައެވެ. ސިފައިންގެ އޮފިސަރާއި މެދު ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.
ކަރަންޓީން ފެސިލިޓީތައް ބަލަހައްޓަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އަދި އެ ތަންތަނުގައި ސެކިއުރިޓީ ފުލުހުން ބަލަހައްޓަމުން ދާއިރު ކޮންމެ ފެސިލިޓީއެއްގައި ޑޮކްޓަރުންނާއި ނަރުހުން އަދި ބައެއް ރިސޯޓުތަކުގައި އެ ތަންތަނުގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް