ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހަށް ނުހުޅުވެނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮންމެވެސް ސިފައެއްގައި މި ރޯދަ މަހު ކިންގް ސަލްމާން މިސްކިތް ބޭނުން ކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިސްކިތް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކޯވިޑް އާއި ހެދު ރާއްޖެ އަކުން ލަސްވެގެން ކަމަށް އެދުވަހު ރައީސް ވިދާޅުވި އެވެ.
އެކަމަކު މާދަމާ ރޯދަ ފެށޭއިރު އެ މިސްކިތް ނުހުޅުވާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ފާޑުކިޔަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކުރެވުނު ނަމަވެސް، އަދިވެސް އެތަނުގައި ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމްކުރެވިފައިވާ ނުވާ ކަމަށެވެ. ބަޔާނުގައި ބުނީ އެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ދިވެހި ދައުލަތާއި ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މިިސްކިތް ނުހުޅުވޭ އަނެއް ސަބަބަކީ، ކޯވިޑް ހާލަތުގެ ސަބަބަބުން މިސްކިތް ހުޅުވުމަށް ސައުދީން ވަޑައިގަންނަވާ ބޭފުޅުނަށް ވަޑައި ނުގަނެވޭތީ ކަމަށް ބަޔާނުގައި ބުންޏެވެ. ބަޔާނުގައި ބުނީ، މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ސައުދީ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް އެޅުމަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. މި މަޝްރޫއުއަކީ ސައުދީ ސަރުކާރުގެ 14.5 މިލިއަން ޑޮލާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން އަޅާފައިވާ މިސްކިތެކެވެ.
އެ މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާގައި 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ތިން ވަަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެ އެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ.
އޭގެ އިތުރުން، ފަސްވަނަ ފަންގިފިލާގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް