ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށައިފި އެވެ.
މިރޭ މިހާތަނަށް އިއުލާނު ކޮށްފައިވަނީ ހއ. ބ. ފ. އދ. އަދި މ. އަތޮޅުގެ ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވަގުތީ ނަތީޖާއެވެ. އަދި އެ އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސް ކަމާއި އަންހެނުންނަށް ހާއްސަ ދެ ގޮނޑީގެ އިތުރުން މެމްބަރުކަމުގެ ދެ ގޮނޑީގެ ވަގުތީ ނަތީޖާ އާންމުކޮށްފަ ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި ބުނީ ހުރިހާ ވޯޓު ފޮށިތަކެއް ގުނާ ނިމިފައިވާ ކަމަށެވެ. އެކަމަކު ބައެއް ފޮށިތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާތީ އަލުން ގުނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިލެކްޝަންސްއިން އަލުން ގުނަން ނިންމާފައިވަނީ ޖުމްލަ އަދަދާ ގުނާފައިވާ އަދަދާ ދިމާ ނުވާ ފޮށިތަކާއި ރެޖިސްޓަރީވެފައިވާ މީހުންގެ އަދަދާ ވޯޓުލާފައިވާ މީހުންގެ އަދަދު ދިމާނުވުމުގެ މައްސަލަތައް ދިމާވެފައިވާ ވޯޓު ފޮށިތަކުގެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް 713 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައިވާއިރު ބައެއް ސިޔާސީ ޕާޓީތަކުން ދަނީ ބައެއް ދައިރާތަކުގެ ވޯޓުފޮށިތައް އަލުން ގުނައި ދިނުމަށް އިލެކްޝަންސްގައި އެދެމުންނެވެ. އެގޮތުން އެމްއާރުއެމް އާއި އެމްޑީޕީން ވަނީ މާލޭގެ ދާއިިރާތަކެއްގެ ވޯޓު ފޮށިތަކެއް ގުނުމަށް ހުށަހަޅާފައި އެވެ.
އެ ވޯޓު ފޮށިތައް އަލުން ގުނުމާއި މެދު އިލެކްޝަންސް އިން އަދި ގޮތެއް ނުނިންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް