ރޯދަ މަހު ވެކްސިން ދޭނީ ރޭގަނޑު 9:00 ން 11:00

ކޯވިޑް-19 ދިފާއު ވެކްސިން ކެޕްޕެއިން ރޯދަ މަހު ކުރިޔަށް ގެންދާނެ ގަޑިތައް އާންމު ކޮށްފި އެވެ. އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން ކޯވިޑް-19 ވެކްސިން ދެމުންދާނީ ކޮންމެ ރެއަކު 9:00 ން 11:00 އަށް ކަމަށ...

12 Apr 2021 | 14:35

ކޯވިޑް-19 ދިފާއު ވެކްސިން ކެޕްޕެއިން ރޯދަ މަހު ކުރިޔަށް ގެންދާނެ ގަޑިތައް އާންމު ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން ކޯވިޑް-19 ވެކްސިން ދެމުންދާނީ ކޮންމެ ރެއަކު 9:00 ން 11:00 އަށް ކަމަށެވެ. އެޗްޕީއޭއިން ބުނީ އާންމުކޮށް ހުޅުވާލައިގެން ދޭ ވެކްސިން ތައް ކަމަށްވާ ކޮވިޝީލްޑާއި ސިނޮފާން ވެކްސިން މިވަގުތުތަކުގައި ކަނޑައެޅިފައިވާ ސެންޓަރުތަކަށް ދިޔުމުން ޖަހައިދެމުންދާނެ ކަަމަށެވެ.

އެގޮތުން ސޮނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެމުންދާނީ ހަމައެކަނި ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ. މި ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދޭކަށް އަދި ނުފަށައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިދެމުންދާނީ، ހުޅުމާލޭ ވެކްސިން ސެންޓަރު، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ރައްޔިތުންގެ މަޖިލީސް އަދި ނެޝަނަލް އާޓް ގެލަރީގެ އިތުރުން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާ ފަރާތްތަކުން ބައްޔަކަށް ފަރުވާ ހޯދަމުން ދާނަމަ އެކަން އަންގައިދޭ ލިޔުންތަކާއި، އައިޑީކާޑުގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާ ފަރާތްތަކުން ވެކްސިން ކާޑު ގެންދިއުމަށް ހަނދާން ކޮށްދީފައެވެ.

ދެން ރާއްޖޭގައި ދެމުންދާ ފައިޒާ ވެކްސިން އަކީ އާންމުކޮށް ހުޅުވާލައިގެން ޖަހައިދޭ ވެކްސިނެއް ނޫނެވެ. އެ ވެކްސިން ދެމުންދަނީ އެޕޮއިންޓްމެންޓު އުސޫލުން ބޮޑެތި ބަލިތައް ހުންނަ 16 އަހަރުން މަތީގެ ކުޑަކުދިންނަށާއި މީހުންނެވެ.

ފައިޒާ ވެކްސިން ޖަހަައިދެނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ. ވެކްސިން ޖަހަން ދާން ޖެހެނީ އެޗްޕީއޭއިން ގުޅައި ދާން ޖެހޭ ގަޑި އަންގާ ފަރާތްތަކުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޝީލްޑް ދެވަނަ ޑޯޒު 19،000 މީހުން ޖަހާފައިވެ އެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒު 260،000 އަށްވުރެ ގިނަ މީހުންނަށް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް