ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު ދެރަގޮތެއް ނުހައްދަވާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން އެމަނިކުފާނާއި ބައްދަލުކޮށް އެދިފައިވުމުގެ އިތުރުން މެޑަމް ފާތިމަތު އިބްރާހިމްގެ ފަރާތްޕުޅުން ސިޓީއެއް ލިބިވަޑައިގެންފަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސިޓީފުޅުގައި އެމަނިކުފާނުގެ ބަލި ހާލަތު ހުރިގޮތުން ގޭބަންދަށް ބަދަލުކޮށްދިނުމަށްއެދިފައިވާ ކަމަށެވެ. އެކަމަކު ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޔާމީން ވިދާޅުވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ޑޮކްޓަރު ލަފާ ދެއްވި ނަމަވެސް ރައީސް ޔާމީން ބޭރަށްވަޑައިގެންނަވަން ބޭނުން ނުވާކަމަށްވެސް ވިދާޅުވި އެވެ. މި ވާހަކަފުޅުތައް ސާފުކޮށްދެއްވުމަށް ފަހު ރައީސް ވިދާޅުވީ ދަންނަވަން ބޭނުންފުޅުވަނީ ޔާމީނަށް ދެރަގިތެއް ނުވާނެ ކަމަށެވެ.
ރޯދައަށް ޔާމީން ގޭ ބަންދަށް ދޫކޮށްލާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ޖަވާބު ދެއްވާފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމުގައި ސިއްހީ މައްސަލަތަކަށާއި ޑޮކްޓަރު ދެއްވާ ލަފާއަށް ބައްލަވާނެ ކަމަށެވެ. އެކަމަކު އެފަދަ ލިޔުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް