ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއެކޮށްފައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުނެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުން ހާމަ ނުކުރަނީ ކީއްވެތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއެކޮށްފައި ނޯންނާނެ ކަމަށެވެ. ރައީސް ވަނީ އެ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށާއި ކޮށްފައި ވެސް ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.
މީގެ ކުރިން އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ، މީޑިއާގައި ލިއެކިއުންތަކެއް ވެސް ހާމަކޮށްފައި ވެ އެވެ. އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި ސަރުކާރުން ކުރިން ބުނެފައިވާ ވާހަކަތާ ހިލާފު ބައެއް މާއްދާތައް، އެ ޑްރާފްޓްގައި ހިމެނެ އެވެ. އޭގެ ތެރޭގައި ބަނދަރު ބެލެހެއްޓުމުގެ ކަންކަމުގައި ސީދާ އިންޑިއާ ސިފައިން ބައިވެރިވުމާއި ތިބުމާއި، އެހެން އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދަކަށް އެތަން ބޭނުންކުރުމުގެ ފުރުސަތު ނެތުމާއި ބަނދަރާ ބެހޭ ހާއްސަ ކޮމިޓީތަކުގައި ރާއްޖެއަށް އަގުލަބިއްޔަތު ނެތި، ދެ ގައުމުން އެއްވަރަކަށް މެމްބަރުން ތިބުން ފަދަ ކަންކަން ހިމެނެ އެވެ.
މީޑިއާގައި ހާމަކުރި އެއްބަސްވުމުގެ ދެލިކޮޕީއަކީ ސައްހަ ދެލިކޮޕީއެއް ނޫންކަމަށް ދިފާޢީ ބާރުންނާއި ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް