ކުޑަ ޕާޓީއަކަށް ވުރެ މާލޭގައި އަލްހާންގެ ތާއީދު ބޮޑު!

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކުޑަ ސިޔާސީ ޕާޓީއަކަށް ވުރެ މާލޭ ސިޓީގައި އޭނާގެ ތާއީދު ބޮޑު ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އަލްހާން ފ...

12 Apr 2021 | 09:26

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކުޑަ ސިޔާސީ ޕާޓީއަކަށް ވުރެ މާލޭ ސިޓީގައި އޭނާގެ ތާއީދު ބޮޑު ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާންގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމް ޓިކެޓުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އަލްހާންއަށް 275 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.37 ޕަސެންޓެވެ. އަދި އެއީ ބާތިލު ވޯޓަށްވުރެ ދަށް އަދަދެކެވެ.

މި ނަތީޖާ އާއި އެކު މީހުންގެ މަލާމާތް ރައްދުވާން ފެށުމުން އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 51،000 މީހުން ވޯޓުލާން ޖެހޭ އާބާދީއެއްގައި އޭނާއަށް ބޮޑު ދެ ޕާޓީގެ (އެމްޑީޕީ، ޕީޕީއެމް) މެދުން އެއް ޕަސެންޓު ވޯޓު ނެގިފައިވާ ކަމަށެވެ. އެ ނަތީޖާ އަކީ ކުދި ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އޭނާއަށް ރައްޔިތުން ދީފައިވާ ކަމުގެ ހެކިކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވަނީ އެ ޓުވީޓުގައި މީޑިއާތަކުން ކެމްޕެއިން ތެރޭގައި އޭނާގެ ބަސް ރައްޔިތުންނާއި ހަމައަށް ގެނެސްދީފައި ނުވާކަމަށް ވިދާޅުވެފައި އެވެ.

https://twitter.com/AlhanFahmy/status/1381308070731505664

ވަގުތީ ނަތީޖާ ދައްކާ ގޮތުން، 12،441 ވޯޓާއެކު މޭޔަރު ކަމަށް ހޮވިވަޑައިގަތީ މުއިއްޒެވެ. އަނަސް އަށް ލިބިވަޑައިގަތީ 7،400 ވޯޓެވެ. އެއީ 36.7 ޕަސެންޓެވެ.

އަލްހާން 2018ގެ ނޮވެމްބަރު މަހު ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ކައުންސިލް އިންތިހާބަށެވެ. އަލްހާން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ ޑީއާރުޕީންނެވެ. އޭގެ ފަހުން އެމްޑީޕީއާވެސް ގުޅިވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް