މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރެއްވި އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީއަށް ލިބިފައިވަނީ އެއް ޕަސެންޓު ވޯޓު ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
އަލްހާންގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމް ޓިކެޓުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ.
މި އިންތިހާބުގައި މާލޭގައި މޭޔަރުން ހޮވުމަށް 51،702 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު، އިންތިހާބުގައި ވޯޓު ލާފައި ވަނީ 21،091 މީހެކެވެ.
އޭގެ ތެރެއިން 970 ވޯޓު ބާތިލްވެފައި ވާތީ، ސައްހަ ވޯޓަކީ 20،116 ވޯޓެކެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އަލްހާންއަށް ލިބިވަޑައިގެންފަ ވަނީ ޖުމްލަ 275 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.37 ޕަސެންޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، 12،441 ވޯޓާއެކު މޭޔަރު ކަމަށް ހޮވިވަޑައިގަތީ މުއިއްޒެވެ. އަނަސް އަށް ލިބިވަޑައިގަތީ 7،400 ވޯޓެވެ. އެއީ 36.7 ޕަސެންޓެވެ.
އަލްހާން 2018ގެ ނޮވެމްބަރު މަހު ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ކައުންސިލް އިންތިހާބަށެވެ. އަލްހާން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ ޑީއާރުޕީންނެވެ. އޭގެ ފަހުން އެމްޑީޕީއާވެސް ގުޅިވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް