މާދަމާ އަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. މަތިވެރިވެގެންވާ ލައިލަތުން ގަދުރިވިލޭރޭ އެމަހެއްގައި ލެއްވި މާތް މައްސަރެވެ. މިމަހުގެ ބަރަކާތާއި ހެޔޮދުޢާތައް މުސްލިމް އުންމަތުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ރަމަޟާން މަހަކީ އެކަކު އަނެކަމަށް އެހީތެރިކަން ފޯރުކޮށްދީ އޯގާތެރިވުމުގެ މައްސަރެވެ. ތަޤުވާގެ މައްސަރެވެ. ފާފަތަކުން ނަފުސު ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުސަތުގެ މައްސަރެވެ. ނަރަކައިން މިންޖު ކުރައްވާ މައްސަރެވެ. ރަމަޟާންމަހަކީ ހުރިހާ ހެޔޮކަމެއްގެ މައްސަރެވެ. އެހެން ކަމުން ތިމާގެ އަމިއްލަ ނަފުސު ހިސާބު ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ހެޔޮވެގެންވާ ބަރަކާތްތެރި މިމަހަކީ ނަފުސު ހިސާބު ކުރުމަށްލިބޭ ވަކީން ޚާއްސަ ފުރުސަތެކެވެ.
ނަފުސު ހިސާބު ކުރުމަށްފަހު ފާފަތައް ފުއްސަވާތޯ ދުޢާކުރަމާ ހިނގާށެވެ. ނަސޫޙު ތައުބާއަކުން ތައުބާވަމާ ހިނގާށެވެ. ކިތަންމެގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް ސާބިތުކަމާއި އެކު މާތް ﷲ އަށް ދުޢާ ދެންނެވުންމަތީ ހުރެއްޖެނަމަ އެފާފަތައް އެކަލާނގެ ފުއްސަވައިދެއްވާނެއެވެ. ރޯދަމަހަކީ އަޅުކަމުގެ މަހަށްވުމުން ރޭގަނޑު ގިނަވަގުތު ބޭކާރު ގޮތުގައި ހޭލާ ތިބުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ރޭގަނޑު ގިނަވަގުތު ހޭލައި ތިބެ ވަގުތުތައް ނަގާލުމުން އެކަމުގެ ނޭދެވޭ އަސަރު ތިބާއަޅާއި ތިބާގެ އަޅުކަމަށް އެތަކެއް ހުރަސްތަކާއި ކުރިމަތިވެއެވެ. އޭގެ ސަބަބުން މާބޮޑަށް ކަންނެތްވެ ދުވާލުވަގުތުތަކުގައި މާގިނައިން ނިދޭގޮތް ވެދާނެއެވެ. އެކަމުގެ ސަބަބުން ބައެއްފަހަރު ޖަމާޢަތުގެ ނަމާދުވެސް ނުލިބި ކުރާ އެހެނިހެން އަޅުކަންތަކަށް ބުރޫއަރާގޮތް ވެދާނެއެވެ.
އެހެން މަސްމަހާ ޚިލާފަށް ރޯދަމަހު އަޅުކަމުގައި މަސްޢޫލުވެ އުޅޭ މިންވަރު އިތުރު ކުރަން ޖެހެއެވެ. އެގޮތުން ގިނައިން ޤގުރުއާން ކިޔެވުމާއި ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައްވެސް ކުރުން އިތުރު ކުރަން ޖެހެއެވެ. ދަމު ނަމާދުކރުމާއި ތަރާވީސް ނަމާދުކުރުމަށް ހީވާގިކަމާއި އެކު މަސައްކަތް ކުރަން ޖެހެއެވެ.
ރަމަޟާން މަހަކީ ތިބާ ކުރަމުން އައިސް ގޯސް އާދަތަށް ދޫކޮށްލާ ވީހާވެސް ގިނައިން އަޅުކަމަށް ވަގުތު ހޭދަކުރާ މަހެއްކަމުގައިވާން ޖެހެއެވެ. އަޅުކަމަށް ގިނައިން ވަގުތު ހޯދަން ޖެހެއެވެ. އަދި ރޯދަމަހަށް ޚާއްސަކޮށްގެން ކުޅޭ ކުޅިވަރުތަކާއި ޓީވީން ދައްކާ ނާޗަރަންގީ ޕްރޮގްރާމްތައް ބެލުމަށް ވަގުތު ހޯދުމުގެ ބަދަލު އަޅުކަމަށް ވަގުތުހޯދަން ޖެހެއެވެ. އެހެންކަމުން މިފަދަ ހުރިހާ ކަމަކަށް ސަމާލުވެ ރޯދަމަހުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބިގަތުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ މަރުޙަބާ ކިޔުމުގެ ގޮތުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ކުރިންވެސް ދެންނެވުނުހެން ނަސޫޙު ތައުބާއަކުޔން ތައުބާވުމެވެ. އެހެންކަމުން ބިރުވެރި ކަމުން ފުރިގެންވާ ނަރަކައިން ސަލާމަތްވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ތިބާއަށް ނުލިބޭނެއެވެ. ރޯދަމަހަކީ އެކަމަށް ﷲ ދެއްވައިފައިވާ ރަނުގެ ފުރުސަތެކެވެ. މި ރަނުގެ ފުރުސަތު ނަގައިނުލާށެވެ.
ތިބާއަށް ކުށެއް ކުރެވޭ ހިނދު އެއީ ކުށެއްކަމަށް ގަބޫލުކޮށް އެކަމަށް ތައުބާވާ މީހުންނަކީ ހެޔޮވެގެންވާ ބައެކެވެ. އިންސާނާކުރާ ފާފަތައް ކިތަންމެ ގިނަވިޔަސް ﷲ ގެ ހެޔޮވެގެންވާ ރަހުމަތް އެމީހެއްގެ މައްޗަށް ތަނަވަސްވުން އެބައޮތެވެ. އެހެން ކަމުން އެކަލާނގެ ހަޟުރަތުން އުންމީދު ކަނޑައިލައި މާޔޫސްވުމެއްނެތެވެ. ރަމަޟާންމަހަކީ ފާފަ ފުއްސަވައި، ނަރަކައިން ދިންނަވާ މަހެކެވެ. އެހެންކަމުން ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ﷲ ގެ ހަޒުރަތަށް ކުއްތަންވެ ތައުބާވާމީހާގެ ތައުބާ ﷲ ގަބޫލު ކުރައްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މިފަދަ އުފާވެރި ޚަބަރުތައް ﷲގެ ހަޒުރަތުން އައިސްފައިވާހިނދު ދުނިޔަވީ އެދުންތަކުން ދުރުހެލިވެ ހެޔޮގޮތުގައި ރޯދަމަހުގެ މިދުވަސްތައް ބޭނުން ކުރަމާ ހިނގާށެވެ. ޒުވާބުކުރުމާއި، ނެތިމޮށުމާއި މިފަދަ އެހެނިހެންވެސް ނޭދެވޭ ކަންކަމުން ދުރެވެ ހެޔޮގޮތުގައި ރޯދަ ހިފަމާ ހިނގާށެވެ. ރަމަޟާން މަހަކީ ނަފުސު ބައްޓަންކުރަން ލިބޭ ރަނގަޅު ފުރިހަމަ މަހެވެ. ނަފުސު ރަނގަޅު ގޮތުގައި ތަމްރީންކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް