އަހަރެމެންގެ އިންތިޚާބުތަކުގައި ވޯޓު ނުލާ މީހަކަށް އަހަރެމެން ވޯޓުލާންވީ ކީއްވެ!؟

ނަމޫނާ ލީޑަރެއް ކަމަށް ދަޢުވާކުރާ ބޭފުޅެކެވެ. ރައްޔިތުން ދެކެ ލޯބިވާ ކަމަށް ކެރިގެން ވިދާޅުވާ ބޭފުޅެކެވެ. އަބަދު ވެސް ރައްޔިތުންނަށް ހެޔޮ އެދޭ ބޭފުޅެއް ކަމަށް ވިދާޅުވެއެވެ. ތިމަން މަނިކުފާނު ހުންނަވަނ...

12 Apr 2021 | 05:54

ނަމޫނާ ލީޑަރެއް ކަމަށް ދަޢުވާކުރާ ބޭފުޅެކެވެ. ރައްޔިތުން ދެކެ ލޯބިވާ ކަމަށް ކެރިގެން ވިދާޅުވާ ބޭފުޅެކެވެ. އަބަދު ވެސް ރައްޔިތުންނަށް ހެޔޮ އެދޭ ބޭފުޅެއް ކަމަށް ވިދާޅުވެއެވެ. ތިމަން މަނިކުފާނު ހުންނަވަނީ ރައްޔިތުންނާއެކު ރައްޔިތުންނާ ގާތުގައި ކަމަށް ހަރު އަޑުން ވިދާޅުވެއެވެ. މި ދަންނަވާ ބޭފުޅަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއެވެ. އަދި މި ދެންނެވީ އެމަނިކުފާނަށް ތާއީކުރައްވާ ގިނަ ބަޔަކު ރައީސް ޔާމީން ސިފަކުރައްވާ ގޮތެވެ.

އެކަމަކު ހަގީގަތުގައި އެއީ ނަމޫނާ ލީޑަރެއްތޯއެވެ؟ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ދެކެ ލޯބިވާ، އަަބަދު ވެސް ރައްޔިތުންނަށް ހެޔޮ އެދޭ ބޭފުޅެއްތޯއެވެ؟ މި ސުވާލު ކުރާން މި ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމަނިކުފާނުގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށް ފެންނާތީއެވެ. ފެންނަ މަންޒަރުތަކުން އެކަން ހާމަވާތީއެވެ. އޭގެ ހަމަ އެންމެ މިސާލެކެވެ. ވޯޓުލުމަކީ ހައްގު ލިބިފައިވާ ކޮންމެ މީހަކުމެ އަދާކުރަންޖެހޭ ހައްގަކަށް، ފަރުދީ ޒިންމާއަކަށް ވާއިރު ފާއިތުވި ދެ އިންތިޚާބުގައި ވެސް ރައީސް ޔާމިން ވޯޓު ދެއްވާފައެއް ނުވެއެވެ. ހަމަ ގައިމުވެސް މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އަދާނުކުރުން ވެގެންދާނީ ރައްޔިތުންނަށް އެމަނިކުފާނު ދެއްކެވި ހުތުރު ނަމޫނާއަކަށެވެ. ވޯޓުލުމަކީ ފަރުދީ ޒިންމާއެކެވެ. ބޮޑާހާކައި ވޯޓުލުމަށް ދެކޮޅުހެދުމަކީ ލީޑަރަކަށް ވެ ހުރެ އެޅުނު ޅައެއްޗަކަށް ނޫނީ ނުވާނެއެވެ.

ސެޕްޓެމްބަރު 23، 2018ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބު ވެވަޑައިގަތް ޔާމީން މަޖިލިސް އިންތިޚާބުގައި ވޯޓު ލައްވަށް ޖެހިވަޑައިގަންނަވަނީ މައްޗަންގޮޅި އުތުރު ދާއިރާ އަށެވެ. އެ އިންތިޚާބުގައި ވަރަށް ވާދަވެރި އެ ދާއިރާ އަށް އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް އިން ނުކުންނެވީ ޖަރުމަނުގެ ސަފީރަކަށް ކުރިން ހުންނެވި އަދި ޔާމީނާ އެކު ލެބަނަންގައި އެކުގައި ކިޔަވާ ވިދާޅުވި ޖަމީލާ އަލީ އެވެ. އަދި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ވެސް މިފަހަރު ނުކުންނެވީ އެ ދާއިރާ އަށެވެ. މީގެ އިތުރުން މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު ރަޝީދު ވެސް އެ ދާއިރާ އަށް ވާދަކުރެއްވި އެވެ. އޭރު އެމަނިކުފާނު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ. ސަރުކާރު ޒިންމާދާރު ކުރެވޭނީ އެ އިންތިޚާބުގައި އިދިކޮޅަށް އަޣުލަބިއްޔަތު ދީގެން ކަމަށް ކެމްޕޭން ތެރޭގައި އެމަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަކު އެކަން ކުރަން އެމަނިކުފާނު ވޯޓު ނުދެއްވުން ވެފައި އޮތީ ގައިމުވެސް ބޮޑު އަރަތަކަށެވެ.

ދެން އޮތީ ހޮނިހިރު ދުވަހު ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވާހަކައެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިހާރު މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މާފުށީ ޖަލުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވެވަޑައިގެންފައި ނުވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިފަޑައިނުގަތެވެ. ކުރިން ވެސް ދެންނެވި ފަދައިން ރައީސް ޔާމިނަކީ މައްޗަންގޮޅި ދާއިރާގެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ، ނަމަވެސް، އެމަނިކުފާނު މި ވަގުތު ހުންނެވީ މާފުށީ ޖަލުގައި ކަމަށް ވާތީ، އެ ތަނުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

ޖަލު އޮފިސަރަކު ވިދާޅުވި ގޮތުގައި ތަކުރާރުކޮށް އެދިގެން ވެސް އެމަނިކުފާނު ވަނީ އެކަމަކަށް އިންކާރުކުރައްވާފައެވެ. އަދި އެއީ ކީއްވެގެންކަން ސާފެއް ނުވެއެވެ. އެކަމަކު އެނގޭ ކަމަކީ ޖަލުތަކުގައި ވޯޓު ލުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިޔަ ކަމެވެ. އަދި ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލަން ތައްޔާރުވެފައި ވަނިކޮށް ބުރާސްފަތި ދުވަހު ޔާމީން ވަނީ ދަރިކަލުން ޒޭން މެދުވެރިކުރައްވާ ހާއްސަ މެސެޖެއް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފޮނުއްވާފައެވެ. އެ މެސެޖްގައި ޔާމީން ވިދާޅުވީ މިހާރަށްވުރެ ވަރުގަދަކޮށް އެމަނިކުފާނު އަދި އެނބުރި ވަޑައިގަންނަ ވާނެއެވެ. އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީގައި އެމަނިކުފާނު ކުޑަކަކޫ ޖަހާނެ ގޮތެއް ނޯންނާނެއެވެ. ޔާމީން ވިދާޅުވީ ނުހައްގުން ޖަލުގައި އިންސާފު ނުދީ އެމަނިކުފާނު ބަހައްޓައިގެން އުޅެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ކަން އެނގޭތީއެވެ. ވޯޓުގެ ވާހަކައެއް އެ މެސެޖަކު ނެތެވެ.

މެސެޖުގައި ވެސް މުޅިން އޮތީ ރައީސް ޔާމިން މިނިވަންވުމުގެ ވާހަކައެވެ. އެނބުރި އަންނާނެ ވާހަކައެވެ. ރީއްޗަށް ދަންނަވާ ނަމަ އެ މެސެޖުގައި އޮތީ އެމަނިކުފާނުގެ އަމިއްލަ އެދުންފުޅުތަކެވެ. އެންމެ ކުޑަ މިނުން ވޯޓުގެ ވާހަކަ ނަންގަނެ، ޕީޕީއެމްގެ ކެންޑީޑޭޓުންނަށް ވޯޓު ދޭން ހިތްވަރު ދީފައި ވެސް ހަމަ ނެތީއެވެ. ދައްކާނެ ވާހަކައެއް ނެތެވެ. މިއީ ލީޑަރަކު ދެއްކި މިސާލެވެ. މިފަދަ ލީޑަރުން ދެން ވެސް އިންތިޚާބަކަށް ނުކުތުމުން ހެވިފައި އަހަރެމެން ވީ ވޯޓު ދޭން ހެއްޔެވެ؟ އަހަރެމެންގެ އިންތިޚާބެއްގައި ވޯޓު ނުލާ މީހަކަށް އަހަރެމެން ވޯޓުލާންވީ ކީއްވެ ހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް