ކޮންމެ އިންސާނަކުވެސް މަރުގެ ރަހަ ދެކޭނެއެވެ. މިއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ކަން މިހެން އޮތްއިރު، މަރު ބައްދަލުކުރުމުގެ ކުރިން ދިރިއުޅުމުގެ ހަގީގީ ފޮނި މޭވާ ބިނދެލުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ނޫންނަމަ ތިބާ އަބާއްޖަވެރިއެއްގެ ގޮތުގައި މި ދުނިޔެ ދޫކޮށް ދާންޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެގޮތުން މި ލިޔުމުގައި ގެން ކުރިޔައްދާން ޤަސްދުކުރަނީ ކުޑަކުޑަ ހާދިސާއަކަށް އަލި އަޅުވާލުމަށް ފަހުގައެވެ.
އެކުވެރިންނޭވެ. ފިރާޝް އަކީ މި ދުނިޔޭގެ ވަގުތީ އުފާ ހޯދުމުގައި އަވަދި ނެތި ރައްޓެހިންނާއިއެކު ޒުވާން ދައުރުގެ ބޮޑު ބައެއް ހޭދަކުރަމުންދިޔަ ޒުވާނެކެވެ. އޭނާގެ އުމުގެ ދުވަސްތައް އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ވޭތަކުރަމުންދިޔައީ މި ކެހިވެރި މި ދުނިޔޭގެ ވަގުތީ އަރާމާއި ލައްޒަތު ހޯދުމުގައެވެ. މުސްލިމަކަށްވެ ހުރެ ﷲ ފަރުޟުކުރެއްވި ފަސް ނަމާދުކުރުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ޒަކާތްދިނުމާއި އެހެނިހެންވެސް އަޅުކަމަކީ މި ޒުވާނާއާއި ވާވެސް ކަމެއް ނޫނެވެ.
ދަންނާށެވެ. ތިބާ ނަގާލައިފި ދުވަހެއް އަނބުރާ ނާންނާނެއެވެ. މިއީ ވިސްނާލަން ޖެހޭ ބޮޑު ހަގީގަތެކެވެ. މި ބުނާ ޒުވާނާ ފިރާޝްގެ ހުރިހާ އެކުވެރިންނަކީ ވެސް އެމީހުންގެ ޒުވާން އުމުރުގައިވެސް ގަވައިދުން ނަމާދުކުރުމާއި އަޅުކަމުގައި ދުވަސްތައް ގުނަމުންދާ ޒުވާނުންނެވެ. ނަމަވެސް ފިރާޝް ނަމާދެއް ނުކުރެއެވެ. އެއް އަހަރެއްގެ ރަމަޟާން މަހެވެ. މި ބުނާ ޒުވާނާ ފިރާޝް އާއި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރިއެވެ. މިއީ އޭނާގެ އުމުރުގައި ބައްދަލުކުރާ 25 ވަނަ ރަމަޟާން މަހެވެ.
ދުނިޔޭގައި މުސްލިމުން ދިރިއުޅޭ ހުރިހާ ބިތަކުން ރަމަޟާން މަހަށް މަރުހަބާ ކިޔާ އަޅުކަމަށް ތައްޔާރުވަމުން ދިޔައިރު ފިރާޝް ތައްޔާރު ވަމުންދިޔައީ ރޯދަމަހު އެކިއެކި ކުޅިވަރު ޕްރޮގުރާމަތައް ރަވާ ކުޅީވަރާއި މަޖަލުގައި އުޅޭނެ ރައްޓެހިން އެއް ކުރުމުގައެވެ. ރަމަޟާން މަހަކީ ކުޅީވަރާއި މަޖަލުގައި ހޭދަކުރުމަށް އަންނަ މަހެއްކަމަށް މި ޒުވާނާއަށް ހީވާހަކަލަ ގޮތަކަށެވެ.
އެކުވެރިންނޭވެ. ކޮންމެއަކަށް ރަމަޟާން މަސް ފެށުނީއެވެ. އެހެން މުސްލިމުންނެކޭ އެއްފަދައިން މި ޒުވާނާވެސް ރޯދަމަހުގެ ފުރަތަމަ ދުވަހަށް ރޯދައަށް ހުރުމަށް ތައްޔާރުވެގެން ނިދަން އޮށޯތީ ހާރު ކައިގެންނެވެ. ހާރު ކައިގެން ގޮސް ނިދަން އެނދަށް އަރާވެސް މި ޒުވާނާ ވިސްނަމުން ދިޔައީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް ރޯދަ ކުރުކުރުމަށް ކުޅޭނެ ކުޅީވަރަކާއި މެދުގައެވެ. ރައްޓެހިންނާއި އެކު މަޖާކޮށްލަން ދާނެ ތަނަކާއި މެދުގައެވެ. ފަހަރެއްގައިވެސް މިއީ ތިބާގެ ހަޔާތުގެ އެންމެ ފަހުގެ ވަގުތުކޮޅުކަމުގައި ހީނުކުރާ ހާލުގައެވެ. ހާރުކައިގެން ނަމާދުވެސް ކުރުމެއް ނެތި އެ ޒުވާނާ ގޮސް ނިދަން އެނދަށް އެރިއިރު، އެއީ އޭނާއަށް ދުނިޔޭގައި ލިބޭނެ އެންމެ ފަހުގެ ވަގުތުކޮޅު ކަމަށް ހިތައްވެސް ނާރަހާލުގައެވެ.
އެންމެ ފަހުން ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް އަލިވިލުނެވެ. ފިރާޝްގެ ރައްޓެހިން ފިރާޝްގެ ޚަބަރެއް ނުވެ ލަސްވެގެން އޭނާ ހޯދުމަށް އެގެއަށް އައެވެ. ކުޅިވަރާއި މަޖަލަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް ކަންވެގެން ދިޔައީ ކިހިނަކުންތޯއެވެ. ފިރާޝްގެ ރައްޓެހިން އައިސް އޭނާއަށް ގޮވާގޮވާ ނުތެދުވެގެން ބެލިއިރު، މިބުނާ ޒުވާނާ އޮތީ މަރުވެފައެވެ. " إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ"
އެކުވެރިންނޭވެ. މި ޒުވާނާ ދުނިޔެއާއި ވަކިވެގެން އެ ދިޔައީ ރަމަޟާންމަހުގެ ފުރަތަމަ ރޯދައަށް ހާރުވެސް ކައި އެ ރޯދަމަސް ނުލިބިއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެން އިންސާނުންގެ ހާލަތަކީ މިއީއެވެ. ވިސްނާ ފިކުރު ކޮށްލާށެވެ. ބަލިކަށި އިންސާނާ މިދުނިޔެއިން ވަކިވެގެންދިޔައީ މައްސަރުގެ ތެރެއިން އެންމެ މާތް މައްސަރުކަމަށްވާ ބަރަކާތްތެރި ރަމަޟާން މަސް އޭނާއާ ބައްދަލުވާން ކުޑަތަންވެފައި ވަނިކޮށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
1442 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާއި އަޅުގަނޑުމެން ވެސް ކުރިމަތިލާން ވަރަށް ވަގުތު ކުޑަތަން މިވަނީ ވެފައެވެ. ﷲގެ މިންވަރުފުޅުން އަހަރެމެން އެންމެނަށްވެސް މި ބަރަކާތްތެރި މައްސަރު ލިބި ނަފުސު ތާހިރުކޮށްލުމުގެ ފުރުސަތު މިންވަރުކުރައްވާންދޭވެ.! އާމީން
ކިތެންމެ ވަރުގަދަވެފައި ގުންފައިޖަހާ މޭ ފުއްޕާފަ ގަދަ ބާރުދައްކާފައި އުޅުނަސް އަހަރެެން އިންސާނުންނަކީ އެއްވެސް އާރެއްބާރެއް ހުރި ބައެއް ނޫންކަން ކުރިން ބަޔާންކުރެވުނު ކުރު ހާދިސާއިން ވަރަށް ރަނގަޅަށް އެނގިގެން ހިންގައްޖެއެވެ.
އޭ އިންސާނާއެވެ. މި ދުނިޔޭއަކީ ފަނާވަނިވި ވަގުތީ ޢާލަމެކެވެ. މާދަމާއަކީ އަންނާނެ ކަމަށް ކިތެންމެ ބޮޑު އުންމީދެއް ކޮށްގެން ހުއްޓަސް ތިބާގެ ހަޔާތުގައި ހަމަ ނައިސް ހިނގައިދާނެ ދުވަހެކެވެ. އެހެން ކަމުން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ރަމަޟާންމަހަށް ފުރިހަމައަށް ތިބާގެ ހަށިގަނޑާއި ނަފުސު ތާހިރުކޮށްލާށެވެ. މިފަދަ ފުރުސަތެއް ދެން ތިބާގެ ހަޔާތުގައި ނުލިބިދާނެ ކަމުގައި ވިސްނައިގެންނެވެ.
މި ބަރަކާތްތެރި ރަމަޟާންމަހަކީ އޭގެ ފުރިހަމަ ދަރުމައާއި ސަވާބު ތިބާއާ ތިބާގެ އާއިލާއާ ތިބާގެ ގާތް ރަހުމަތްތެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބެނިވި މައްސަރަކަށް ހަދާށެވެ.ފަލާޙާއި ކާމިޔާބު ލިބުން އޮތީ އޭރުންނެވެ.
މި މާތް މައްސަރުގެ މާތްކަން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާން އޮތްއިރު މި މައްސަރު އެތައްގޮތަކުން ހާއްސަވެއެވެ. ރޯދަވެރިންނަށް "އައްރަޔާން" ދޮރުކޮޅު ސުވަރުގައިން ހާއްސަކުރެވިފައިވާއިރު މި މައްސަރުގެ ތެރޭގައި އެއްހާސް މައްސަރުގެ އަޅުކަމުގެ ސަވާބު ލިބޭ ރެއެއްވާކަން ދަނެ އެ ރެއަށް ތައްޔާރުވާށެވެ. ރަމަޟާން މަހުގެ ރޭތައް މަޖަލާއި އުފަލުގައި ހޭދަކުރުމުގެ ބަދަލުގައި މިއީ ތިމާއާ ބައްދަލުކުރާ އެންމެ ފަހު ރަމަޟާން މަސް ކަމުގައި ދެކި އެކަމަށް ތައްޔާރުވެ، ހެޔޮގޮތުގައި ދުވަސްތައް ވޭތު ކުރާށެވެ.
މާތް ﷲ އަޅަމެން އެންމެންނަށް ވެސް މި ބަރަކާތްތެރި ރަމަޟާންމަސް ލިބި ނަފުސު ތާހިރުކޮށްލުމުގެ ފުރުސަތު ލިބުމުގެ ހެޔޮ ތައުފީޤް ދެއްވާށެވެ.! އާމީން آمين يا رب العالمين
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް