ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓަރު ކުރާ ފިލްމު "މޭޑޭ"ގެ މަސައްކަތްތައް މަޑުޖައްސާލައިފި އެވެ.
އަޖޭ ޑައިރެކްޓުކޮށް އެކްޓު ކުރާ މި ފިލްމަކީ އަޖޭ ޑައިރެކްޓު ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގެ މަސައްކަތްތައް މަޑުޖައްސާލަން ނިންމާފައިވަނީ މަހާރާޝްޓްރާގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ އެސްޓޭޓް ލޮކްޑައުނަށް ދިއުމާއި ގުޅިގެންނެވެ.
ސްޓޭޓް ލޮކްޑައުން ކުރިނަމަވެސް ހާއްސަ ހާލަތުގެ ދަށުން ވަކި ގައިޑްލައިނަކާ އެއްގޮތަށް ފިލްމު ޝޫޓިންތައް ކުރިޔަށް ގެންދެވެ އެވެ.
އަޖޭ ފިލްމުގެ މަސައްކަތްތައް މެދުކަނޑާލީ ދެ ޝޫޓީން ޝެޑިއުލްއެއް ނިންމާލުމަށް ފަހު ތިން ވަނަ ޝެޑިއުލްއެވެ. މަސައްކަތްތައް މެދުކަނޑާލި އިރު މިމަހުގެ ފަހުކޮޅު އެ ފިލްމުގެ މަސައްކަތަކަށް ޤަތަރްގެ ވެރިރަށް ދޯހާއަށް ދިއުމަށް އޮތީ ހަމަޖެހިފައިވެ އެވެ.
މަސައްކަތްތައް ހުއްޓާލައި އަޖޭ ބުނެފައިވަނީ ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވަނީ މަސައްކަތުގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމުން ކަމަށެވެ. "މޭޑޭ"ގެ މަސައްކަތްތައް އަލުން ފަށާނެ ދުވަހެއް ނުބުނެ އެވެ.
ފިލްމު "މޭޑޭ" އަކީ 2015 ވަނަ އަހަރު ދޯހާއިން ކޮޗިންއަށް ދަތުރު ކުރި ފްލައިޓަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މެދުވެރިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.
މި ފިލްމުގައި އަޖޭ ޕައިލެޓެއްގެ ރޯލުން ފެނިގެންދާއިރު ލީޑް އެކްޓެރެސްގެ ރޯލު ކުޅޭ ރަކުލް ޕްރީތް ސިންގްވެސް ފެނިގެންދަނީ ޕައިލެޓެއްގެ ރޯލުންނެވެ. މި ފިލްމުގައި އަބީތާބް ބައްޗަންވެސް ފެނިގެންދާއެވެ.
އަޖޭ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކަކީ 2008 ވަނަ އަހަރު ރިލީޒް ކުރި "ޔޫ، މީ އޯރް ހަމް" އާއި 2016ގައި ރިލީޒް ކުރި "ޝިވާއޭ" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް