ރާއްޖޭގައި ކޯވިޑް-19 ފެތުރުނު ރިސޯޓު ކަމަށްވާ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން ބައްޔަށް ޓެސްޓު ކުރަން ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ނިންމައިފި އެވެ.
އެ ރިސޯޓުން ފުރައިގެން ދިޔަ ފަހުން އިޓަލީގެ ޓޫރިސްޓަރު ބައްޔަށް ޕޮސިޓިވް ވުމާއި ގުޅިގެން ބެލި ބެލުމުން އެމީހާގެ ފަރާތުން އެ ރިސޯޓުގެ ބިދޭސީ ފަސް މުވައްޒަފަކަށް ވަނީ ކޯވިޑް-19 ޖެހިފައި އެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ރަނގަޅުވުމުން ދޫކޮށްލާފައި އެވެ.
އޭގެ ފަހުން ކުރެއްދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ގޮތަށް އެ ރަށް އަދިވެސް އޮތީ ދޫކޮށް ނުލައެވެ. އެކަމުގެ ޝަކުވާ މުވައްޒަފުން ދަނީ ކުރަމުންނެވެ. އަދި ރަށުން ފޭބޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ބުނެ ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
މިކަމާ ގުޅިގެން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ބަލި ޖެހުނު މީހުން ފެނުނު ރިސޯޓުތަކާއި ކުރެއްދޫގެ ކޭސްތަކާއި ހާސްބައި ތަފާތު ވާނެ ކަމަށެވެ. އަދި އަމަލު ކުރެވެމުންދާނީވެސް މުޅިން ތަފާތު ކޮށް ކަމަށާއި އެ ރަށަކީ ކޯވިޑް-19 ފެތުރު ތަނެއް ކަމަށެވެ.
އެހެން ކަމުން ޓެގް ޓީމުން މިހާރު ނިންމާފައިވަނީ އެމީހުންގެ14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރުމަށް ކަމަށް ވިދާޅުވި އެވެ. ޓެސްޓު ކުރާއިރު ކުރިން އެ ރިސޯޓުން ޓެސްޓު ކުރި މުވައްޒަފުން އަލުން ކުރާނެތޯ ނުވަތަ ނޫންތޯ ވިދާޅެއް ނުވެ އެވެ.
ކުރެއްދޫ މުވައްޒަފުންގެ ކަރަންޓީން މުއްދަތު ހަމަވީ މިއަދު އެވެ. މަބްރޫކް ވިދާޅުވީ ޓެގް ގެ އެ ނިންމުމަކީ އެންމެން ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ކުރެއްދޫގައި ބަލި ފެތުރެން ދިމާވި އިޓަލީ މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަކަން އެނގި ހުރެ އެކަން އެޗްޕީއޭއަށް އަންގާފައި ނުވާތީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ރިސޯޓުގެ ތުރުކީ ޑޮކްޓަރުގެ ޕާސްޕޯޓު ވަނީ އެ މައްސަލައިގަ ހިފަހައްޓާފައި އެވެ.
ކުރެއްދޫ އަކީ700 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ރިސޯޓެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް