ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމްގެ އިތުރުން އެ ހޮސްޕިޓްލަގައި އައިސީޔޫ އާއި އައިސޮލޭޝަން ފެސިލިޓީތަކެއް ވަކިން ގާއިމްކޮށްފައިވާ ކަމަށެވެ.
ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖައްސަނީ
ށ. އަތޮޅު ހޮސްޕިޓަލް (ށ. ފުނަދޫ)
ބ. އަތޮޅު ހޮސްޕިޓަލް (ބ. އޭދަފުށި)
ގަން ރީޖަނަލް ހޮސްޕިޓަލް (ލ. ގަން)
ގއ. އަތޮޅު ހޮސްޕިޓަލް (ގއ. ވިލިނގިލި)
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ( އައްޑޫ ސިޓީ)
އެ ހޮސްޕިޓަލްތަކުގައި ކޯވިޑް-19 އަށް ޓެސްޓު ކުރަނީ ޓީބީ ޓެސްޓު ކުރާ މެޝިނުންނެވެ. ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އެ މެޝިނަށް ލައްވަން ޖެހެނީ ވަކި ވައްތަރެއްގެ ކާޓްރިޖެއް ކަމަށާއި އެ ވައްތަރުގެ ކާޓްރިޖްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މި ފަސް ހޮސްޕިޓަލްގައި ކޯވިޑަށް ހާއްސަ ވަސީލަތްތަކެއް ގާއިމް ކުރެވިފައި ހުންނާނެ ކަމަށެވެ. އެގޮތުން އައިޔޫ އެނދާއި އައިސޮލޭޝަން އެނދުތަކެއް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި އާންމުކޮށް ހޮސްޕިޓަލްތަކަށް ވަންނަ ދޮރުތަކާއި އެ ހޮސްޕިޓަލްގައި ތަކުގައި ކޯވިޑް-19 އަށް ފަރުވާ ދޭ ސަރަހައްދާއި ވަކި ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މި ފަސް ހޮސްޕިޓަލްގައި ޖުމްލަ106 އައިސީޔޫ އެނދު ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އެބަހުއްޓެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި131 އެނދު އެބަ ހުއްޓެވެ.
ނުރައްކާތެރި ކޯވިޑް-19 ގެ އެންމެ ނުރައްކާތެރި ހާލަތެއްވެސް އަތުވެދާނެ ކަމަށް ބަލައި ހެލްތް މިނިސްޓްރީން ދަނީ މުޅި ރާއްޖެއަށް އަމާޒުކޮށް ފެސިލިޓީތައް ގާއިމް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް