ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ގެނައުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރު އޭކޭ. އަބްދުލް މޯމަން އާއި މަޝްވަރާ ކުރައްވައިފި ...

12 Apr 2020 | 15:44

ކޯވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ގެނައުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރު އޭކޭ. އަބްދުލް މޯމަން އާއި މަޝްވަރާ ކުރައްވައިފި އެވެ.

ފޯނުން ކުރިޔަށް ގެންދެވި މި މަޝްވަރާތަކާއި ގުޅޭގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ނާދެވި ބަންގްލަދޭޝްގައި  ތާށިވެފައިތިބި ދިވެހިން ގައުމަށް ގެނައުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިކަމުގައި އޮތް ހުރަހަކީ ގައުމުތައް ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުން ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ކިރިޔާވެސް ފުރުސަތެއް ލިބިއްޖެ ނަމަ އެ ދިވެހިން ގެންނާނެ ކަމަށެވެ.

https://twitter.com/abdulla_shahid/status/1249334276786507776

ބަންގްލަދޭޝްގައި ނާދެވި ތާށިވެފައި ތިބީ41 ދިވެހިންނެވެ. އެއީ އެ ގައުމުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ``` ދަރިވަރުންނެވެ.

ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގައި ސިއްހީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންތަކެއްވެސް ތިބީ ކޯވިޑް-19 އާއި ގުޅިގެން އެ ގައުމުގައި ތާށިވެފައި އެވެ. މި ދަރިވަރުންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތަކަށް ސަރުކާރުން ދަނީ ހަރަދު ދެމުންނެވެ.

އެކަމަކު އެ ގައުމުތަކުގައި ކޯވިޑް-19 އޮތް ހާލަތާއި ގުޅިގެން އެ ކުދިންދަނީ ރާއްޖެ ގެނެސްދިނުމަށް އެދި އާދޭސް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ސްރީލަންކާ، މެލޭޝިއާ އަދި އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމްގައި ތިބި ދިވެހިން ވަނީ މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓުތަކުގައި ގެނެސްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް