ތެލަސީމިއާ ކުދިންނަށް ލޭ އަޅަން ބޭނުންވާ ވަރަށް ވުރެ އަނެއްކާވެސް ލޭގެ ސްޓޮކް މަދުވެފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން ބުނެފި އެވެ.
އެ ސާވިސް އިން ބުނީ ތެލަސީމިއާ ކުދިންނަށް ދުވަހުން ދުވަހަށް ލޭ އެޅުމަށް ބޭނުންވާ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ އޯ އަދި ބީ ޕޮސިޓިވް ލޭ ކަމަށް ބުނެފައިވެ އެވެ.
ލޭ ހަދިޔާ ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.
ތެލަސީމިއާ ސެންޓަރަށް ގޮސް ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު8:00 ން މެންދުރު ފަހު3:00 އަށް އޮންނާނެ އެވެ.
މިދިޔަ ދެ ތިން ހަފްތާގައިވެސް ތެލަސީމިއާ ސެންޓަރުން ވަނީ ލޭ ހަދިޔާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން ހަފްތާއަކު ފަސް ދުވަހު ކުރިޔަށް ގެންގޮސްފައި އެވެ.
https://twitter.com/MBS_mv/status/1249241089766232070
ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބުން މަނާކޮށް އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާ ކުރާއިރު ވަރަށް ގިނަ ރިސޯޓުތަކުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަ އެވެ.
ތެލަސީމިއާ ސެންޓަރުން ލޭ މަދުކަން އާންމު ކުރަން ފެށިފަހުން ވަރަށް ގިނަ އަމިއްލަ ފަރާތްތަކުން ލޭ ހަދިޔާ ކުރަމުންދެ އެވެ. އަދި ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް