މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އަށް ޗައިނާ އިން ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ.
ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ބަލި އެގައުމުގައި މިދޔަ މަހުން ފެށިގެން އޮތީ ކޮންޓްރޯލްކޮށްފައި އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު ބުނީ އިއްޔެ އެގައުމުން 99 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިއްޔެ އަކީ މާޗް މަހުގެ ހަ ވަނަ ދުވަހަށް ފަހު ޗައިނާ އިން އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ދުވަހެވެ.
ޗައިނާއިން ކޯވިޑް-19 އަށް އިއްޔެ ގިނަ ބަޔަކު ޕޮޒިޓިވްވި ނަމަވެސް އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 97 މީހުންނަކީ އެހެން ގައުމުތަކުން ޗައިނާ އަށް އެތެރެވި މީހުންނެވެ.
ޗައިނާގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އަރައިގެން އިއްޔެ ޕޮޒިޓިވްވެފައި ވަނީ ދެމީހުންނެވެ. އިއްޔެ އެ ގައުމުގައި ބަލީގައި މީހަކު މަރުވެފައެއް ނުވެ އެވެ.
ނަމަވެސް ކޯވިޑް-19 އަކީ އަލާމާތެއް ނުފެނި ވެސް ފެތުރޭ ބައްޔަކަށް ވާތީ ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ އިން ގެންދަނީ އަލާމާތެއް ނުފެނުނު ނަމަވެސް ބަލި ޖެހިފައި ހުރެދާނެހެން ހީވާ މީހުން ފާހަގަކޮށް އެމީހުން ވެސް އެކަހެރި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް