ކޯވިޑް-19 އާއި ގުޅިގެން އަމިއްލަ ވިޔަފާރިތައ،ް ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަޑިއަޅާލާފައިވާ މިދަނޑިވަޅުގައި އެ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަނީ ވަޒީފާ ގެއްލުމުގެ ބިރާއި، މުސާރަ ކުޑަކުރުމާއި މުސާރަ ނުދޭގޮތަށް ވަކި މުއްދަތަކަށް ފޮނުވާލުމުގެ މައްސަލަތައް ދިމާވަމުންނެވެ.
މިކަމަށް ހައްލު ހޯދުމަށް މުވައްޒަފުން ވަޒީފާއިން ނުކަނޑަށް ޝަރުތުކޮށް ސަރުކާރުން ރިސޯޓުތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކުރަން ނިންމުމުންވެސް ހައްލެއް ނުލިބުނެވެ. އެންމެ ފަހުން ސަރުކާރުން ނިންމީ ގޮތް ހުސްވާ ދިވެހި މުވައްޒަފުންނަށް ސަރުކާރުން އެލަވަންސް ދޭށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ދެ ހަފްތާ ކުރިން އިއުލާން ކުރެއްވި އެހަބަރާއި އެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދޭނެ ވަރު ހާމަ ކުރާނެ ކަމަށެވެ.
ސަރުކާރުން އެލަވަންސް ދޭން ނިންމާފައިވަނީ ވަޒީފާ އާއި ގުޅިގެން ފިޔަވަޅު އަޅާކަން ޖޮބް ސެންޓަރު މެދުވެރިކޮށް ސަރުކާރަށް އަންގާ ފަރާތްތަކަށެވެ. މިހާތަނަށް އެ ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވަނީ ހާހެއްހާ މުވައްޒަފުންނެވެ. އެކަމަކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ޓީމް އިން ބުނީ މުސާރައާއި އެލަވަންސް ނުދޭ ގޮތަށް 11،000 އަށްވުރެ ގިނަ މުވައްޒަފުން ހަމައެކަނި ރިސޯޓުތަކުން ވެސް ފޮނުވާލާފައިވާ ކަމަށެވެ.
މުވައްޒަފުންނަށް ސަރުކާރުން އެލަވަންސް ދޭން ނިންމާފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހު އެވެ. އޭޕްރިލް މަސް ދެބައިވާން ކައިރިވި އިރު އަދިވެސް އެލަވަންސްގެ ގޮތުގައި ދޭނެ އަދަދެއް ސަރުކާރަށް ކަނޑައެއް ނޭޅެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެންމެ ކުޑަކޮށް ދެވޭނެ އަދަދެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ވަރަހަށް އަވަހަށް އެކަމުގައި ގޮތްތަކެއް ނިންމާ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސް ނިމުމާއި އެކު އެލަވަންސް ދޭނެ ކަމަށެވެ.
އެންމެ ކުޑަ އަދަދެއްގެ ގޮތުގައި ދެވޭނީ ކިހާވަރެއްތޯ "ދުވަސް" އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މަޝްވަރާ ކުރެވެމުން ދަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ކަނޑައަޅަން މަޝްވަރާ ކުރެވެމުންދާ ވަރުގެ އެލަވަންސްއެއް ދެވޭތޯ ކަމަށެވެ. އެކަމަކު އެއީ އަދި ނިންމާނެ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީފާ އާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް މަޖިލީހާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރެވެމުންދަނީ6،000 ރުފިޔާ އަށްވުރެ މަދު ނޫން އަދަދެއް ދިނުމަށެވެ.
އެލަވަންސް ކަނޑައަޅާއިރު ބަލާ އިތުރު ކަންކަމުގެ ތެރޭގައި މުސާރަ ކުޑަކުރާ މުވައްޒަފުންނަށް ލިބޭވަރު ހިމެނެ އެވެ. ފައްޔާޒް ވިދާޅުވީ މަޝްވަރާ ކުރެވެމުންދަނީ ސަރުކާރުން ދޭ އެލަވަންސްގެ އަދަދަށް ވުރެ ކުންފުނިތަކުން ދަށްކުރާ މުސާރަ ކުޑަނަމަ އެއާ ހަމަ ކުރުމަށް މަދުވާ ވަރު ލައިދޭގޮތަށެވެ. އެކަމަކު އެލަވަންސް ދިނުމާއި ގުޅޭގޮތުން އަދިވެސް ދޭނެކަން ނިންމުން ފިޔަވާ އިތުރު ކަމެއް ނުނިންމެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރާ މީހުންގެ އިތުރުން ރަށު ކައުންސިލްތަކާއި އިކޮނޮމިކް މިނިސްޓްރީގެ ސެންޓަރުތައް މެދުވެރިކޮށް ވަޒީފާ ގެއްލޭ ނުވަތަ މުސާރަ ދަށްކުރާ މުވައްޒަފުންގެ މައުލޫތު އެއްކުރާނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދަށް އަންނަ ބަދަލާއި ގުޅިގެން މުވައްޒަފުން ބިކަވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް