ކޯވިޑް-19: ތޮއްޖެހިގެން މާލޭގައި އުޅޭ ބިދޭސީން ހުޅުމާލެ އަށް ގެންދަނީ

ތޮއްޖެހިގެން މާލޭގެ ކުދި ކުދި ތަންތަންކޮޅުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. މި މަސައްކަތުގައި އުޅެނީ އިކޮނޮމިކް މިނިސްޓްރީ، އިމިގ...

12 Apr 2020 | 04:07

ތޮއްޖެހިގެން މާލޭގެ ކުދި ކުދި ތަންތަންކޮޅުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މި މަސައްކަތުގައި އުޅެނީ އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން، ފުލުހުން، ސިފައިން އަދި މާލޭ ސިޓީ ކައުންސިލެވެ. މި މަސައްކަތަކީ ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ މި ހަފްތާ ތެރޭގައި1،500 އަށްވުރެ ގިނަ ބިދޭސީން ޖާގަ ބޮޑުތަނަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. މި މީހުންގެ ގެންދިޔައީ ހުޅުމާލޭ ކޮން ތަނަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

https://twitter.com/ImmigrationMV/status/1249147741713977344

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ފޮނުވާލެވެންދެއް ބަހައްޓާ ޑިޓެންޝަން ޖަލެއް ހުރެ އެވެ. ފަހަރުގައި މި މީހުން ގެންދަނީ އެތަނަށް ކަމަށް ވެދާނެ އެވެ. މިއަދު ގެންދަން ފެށި ބިދޭސީން ބަންދުކޮށްގެން ގެންގުޅޭނެ ކަމަކަށް ނުބެލެވެ އެވެ.

ފައްޔާޒު ރޭ ވިދާޅުވެފައިވަނީ އެނބުރި ގައުމަށް ދާން ބޭނުންވެގެން ރަޖިސްޓްރީކޮށްފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދޫކޮށްލާފައި މިވަގުތު ތިބީ އެމީހުން ފޮނުވޭނެ ގޮތެއް ހަމަޖެހެންދެން ހައްޔަރުކޮށްގެން ބޭތިއްބެން ނެތީމަ އެވެ. އެއީ އެހާ ގިނަ ބަޔަކު ހައްޔަރުކޮށްގެން ގެންގުޅޭނަމަ އެމީހުންގެ ހަރަދަށް މަހަކުތިން ސަތޭކަ ވިހި މިލިއަން ރުފިޔާ ހަރަދުވާތީ އެވަރު ހަރަދު ކުރެވެން ނެތުމުން ކަމަށެވެ.

މިއަދު ގެންގޮސްފައިވަނީ ގަލޮޅު ދަނޑު ކައިރީގައި އޮންނަ ގޯޅިއެއްގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީންތަކެކެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި އެމީހުން ބައިތިއްބާ ތަނުގައި ދިރިއުޅޭ އެންމެން ރަޖިސްޓްރީ ކުރުވާނެ ކަމަށެވެ. އަދި އެމީހުންް އުޅޭ ނޫޅޭގޮތް އެޗްޑީސީން ވަރަށް ގާތުން ބަލާނެ ކަމަށެވެ.

https://twitter.com/ImmigrationMV/status/1249187917349769216

މާލޭ ސިޓީ ކައުންސިލުން ވަނީ މި މަސައްކަތް ކުރުމުގެ ކުރިން މާލެ އާއި ވިލިމާލޭގައި ކުދި ތަންކޮޅުތަކުގައި50 އަށްވުރެ ގިނަ މީހުން އުޅޭ ތަންތަން ހޯދަފަ އެވެ. އެ ކައުންސިލުން ބުނީ މާލޭގައި ތޮއްޖެހިގެން ކުދި ކުދި ތަންކޮޅުތަކުގައި އުޅޭ536 އަދި ވިލިމާލޭގެ 51 ތަނެއްގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް